ޚަބަރު
ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ހުށަހެޅި ބިލު ކޮމިޓީއަށް
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ހުށަހެޅުއްވި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް އެދި ކުޅިވަރާ ބެހޭ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލު އިތުރަށް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވަން މިއަދު ވަނީ ވޯޓަށް އަހައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ބަލައިގަތީ 42 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވި އެވެ.

ސަރުކާރުގެ ފަރާތުން ކުޅިވަރުގެ ޤާނޫނަށް ވަނީ ހަތް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އެގޮތުން ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށައެޅި މަގުސަދުގެ ތެރޭގައި ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހުރިހާ އުމުރުފުރާތަކެއްގެ ކުޅިވަރުގެ އެންމެހާ ހަރަކާތްތައް އެއް އޮނިގަނޑެއްގެ ދަށުން ބައްޓަން ކުރުން ހިމެނެއެވެ.

އެގޮތުން ރާއްޖޭގެ ގައުމީ ކުޅިވަރުގެ އޮނިގަނޑު އެކުލެވޭނީ ސްކޫލް ކުޅިވަރު، ވާދަވެރި ނޫން ކުޅިވަރު ވާދަވެރި ކުޅިވަރުގެ މައްޗަށް ކަމަށް ވަނީ ބުނެފައެވެ.

އަދި އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ސަގާފީ ހަރަކާތްތައް އުނިކުރަން ވަނީ ހިމަނާފައެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ކުޅިވަރު ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ކުންފުންޏެކެވެ. 

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ކުރިއެރުވުމާއި ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު ޗެނަލް ތަރައްގީ ކުރުމެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ނިކުންނަން އެދޭ ޒުވާނުންނަށް އެކަން ފަހިކޮށްދީ ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރައި ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު