ޚަބަރު
ސަރަހައްދުގެ ސަލާމަތާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން އިންޑިއާއާއި ރާއްޖޭގެ ދިފާއީ ވަޒީރުން މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ބާއްވާފައިވަނީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގ، ރާއްޖޭގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ އާ ދެބޭފުޅުން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.

ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާބެހޭ ގޮތުން ދެޤައުމުގެ ދިފާޢީ ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ. އަދި ސަރަޙައްދުގެ ސުލްޙަވެރިކަމާއި، ހަމަޖެހުމާއި އަދި އަމަންއަމާންކަން ދެމިއޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އިޙްތިރާމް ކުރުމާއި އަދި ދެޤައުމު ގުޅިގެން ޤާނޫނުތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ދިފާޢީ އަދި އަސްކަރީ ދާއިރާއިން ދެޤައުމުގެ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ހޯދަމުންދާ ކާމިޔާބީ ދެ ވަޒީރުން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. މި ގޮތުން، ކައުންޓަރޓެރަރިޒަމާއި، ޑިޒާސްޓަރ މެނޭޖްމަންޓާއި، ސައިބަރ ސެކިއުރިޓީ އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން އެއްޤައުމުން އަނެއްޤައުމަށް މިހާރަށްވުރެ، ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފަ އެވެ.

 މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ، އިންޑިޔާއިން ދިވެހި އަސްކަރިއްޔާއަށް ދެއްވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާގެ ސަރުކާރަށާއި އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން، ބަދަހި ކުރުމަށް ކުރެވިދާނެ އިތުރު ކަންކަމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މިގޮތުން، ދިފާޢީ އަދި އިޤްތިޞާދީ ދާއިރާއިން ޤާބިލްކަން އިތުރުކުރުމާއި، ދެޤައުމު ގުޅިގެން ތަފާތު ތަމްރީންތައް ހިންގުމާއި އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި އޮތް އެކުވެރިގުޅުން ފަރުދީ ފެންވަރުގައި ވެސް އިތުރަށް ހަރުދަނާކުރުމުގެ މުހިއްމުކަން ދެބޭފުޅުންވެސް ވަނީ ފާހަގަ ކުރައްވައި، އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ދިފާޢީ ވަޒީރުގެ ނައިބު އަލްއުސްތާޒު ޙަސަން ޒަމީލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުލް ލަތީފް ބައިވެރިވެވަޑައިގަތެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު