ޚަބަރު
ޕީޖީގެ ވަކީލު ޝަފީއުއާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، އާންމު މިންގަނޑާ ހިލާފު ވީޑިއޯއެއްގައި ފެންނަ ކަމަށް ބުނާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލަކަށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ޝަފީއުގެ ނަމެއް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވަނީ ޕީޖީ އޮފީހުގައި ޝަފީއު ކުރައްވާ ބައެއް މަސައްކަތްތައް ސާފުކޮށް ވިދާޅުވެ ދެއްވައި، މައްސަލަ އަމާޒު ވަނީ ޝަފީއުއަށް ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފަ އެވެ.

ނަޝީދު ވިދާޅުވީ އެ ވީޑިއޯގައި ފެންނަނީ ދައުލަތުގެ "އިސް ވަކީލެއް" ކަމަށާއި އޭނާއަށް އެއްވެސް ތަފާތު ކުރުމެއް ނެތި އަދަބު ދޭންޖެހޭނެ ކަމަށެވެ.

މައްސަަލަ މަޖިލީހުން ބަލައިގަތުމަށް 18 މެމްބަރުން ވޯޓު ދިނެވެ. މައްސަލަ ބަލައިނުގަތުމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެ އެވެ.

މެމްބަރު ނަޝީދުގެ ކުއްލި މައްސަލާގައި ރާއްޖޭގައި ބަދުއަހުލާގީ އަމަލު އާންމުވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ މައްސަލަތަކުގައި ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ އެއް ޖިންސުން ގުޅުން ހިންގުން ފަދަ އަމަލުތަކަށް މަގުފަހި ކުރުވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މި ފަދަ ކުށްތައް ސާބިތުވި މީހުންނަށް ލުއި އަދަބުތައް ދިނީ ކީއްވެގެން ކަން މިހާރު ސާފު ވާނެ،" ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ އަކީ އިސްލާމީ ދައުލަތަކަށްވާއިރު ދީނާ ހިލާފު އެތައް ކަމެއް ކުރަމުންދާއިރު އެކަންކަން ކުދިކުދި ކަންކަމަށްވެ އާންމުވަމުންދާ ކަމަށެވެ. ނަމަވެސް ދީނުގައި އޮންނަ ޖިހާދުގެ ވާހަކަ ދައްކާ މީހުންނަކީ ޓެރަރިސްޓުން ކަމަށް ހަދައި ބޮޑެތި އަދަބުތައް ދެމުންދާ ކަމަށެވެ. އެހެންވެ ދީނާ ގުޅޭ މައްސަލަތައް ސީރިއަސްކޮށް ބަަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު