ޚަބަރު
ރައީސްގެ ޒުވާނުންގެ ބޯޑަށް މެންބަރުން ހޯދަނީ
ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި އުފައްދަވަން ނިންމާފައިވާ ބޯޑަށް ހަތަރު ޒުވާނަކު ހޯދަން އިއުލާނުކޮށްފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑަކީ ގައުމު ބިނާކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި ފިކުރާއި އުންމީދުތަކާ ގުޅޭ ގޮތުން ރައީސަށް ލަފާދޭނެ ބޯޑެއް ކަމަށެވެ.

މިއަދު ހުޅުވާލީ އެ ބޯޑުގައި ހިމެނޭ ދެ ދާއިރާއަކުން ހަތަރު ޖާގައަކަށް ކުރިމަތިލުމަށެވެ. އެއީ ކޮންމެ ދާއިރާއަކުން އަންހެނަކާއި ފިރިހެނަކަށް ފުރުސަތު ލިބޭ ގޮތަށެވެ.

އެއީ ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ/ ސިވިލް ސޮސައިޓީ ދާއިރާއިންނެވެ.

ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ހާއްސަ ބޯޑެއް އެކުލަވާލެއްވުމަށް ސަރުކާރުން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

މިއީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެވެ. އެ ބޯޑަށް މެންބަރުން ނަގާނީ؛

  •  ގައުމީ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން
  •  ގައުމީ ލެވެލްގެ އެތުލީޓުންގެ ތެރެއިން
  •  ޒުވާނުންނަށް ހާއްސަ އެންޖީއޯތަކުގެ ތެރެއިން ވަކި އަދަދެއް
  •  ފަންނުވެރިކަން ތަމްސީލު ކުރާ މެންބަރުން
  •  ސާނަވީ ސުކޫލުތަކުން ހޮވާލެވޭ ދަރިވަރުން
ރައީސް އޮފީހުން ބުނި ގޮތުގައި ކޮންމެ ތިން މަހަކު އެއް ފަހަރު ބޯޑްގެ ބައްދަލްވުންތައް ޗެއާ ކުރައްވާނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެހެން ބައްދަލްވުންތައް ޗެއާ ކުރައްވާނީ ރައީސް ކަނޑައަޅާ ބޭފުޅެކެވެ.

 މިނިސްޓްރީން ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ޝައުގުވެރިވާ ޒުވާނުންނަށް މި ލިންކު މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު