ޚަބަރު
ކައުންސިލް އިދާރާތައް އަޅާ ރަށްތައް ކަނޑައަޅާނެ މިންގަނޑު އާންމުކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ގޮތަށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރާ 50 ކައުންސިލް އިދާރާ ހޮވާނެ ގޮތުގެ މިންގަނޑު އާންމުކޮށްފި އެވެ.

ރައީސް މިދިޔަ މަހު ރާއްޖޭގެ އުތުރަށް ކުރެއްވި ދަތުރުފުޅުގައި ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ގިނަ ރަށްރަށުގައި އަދިވެސް ކައުންސިލް އިދާރާ ހިންގަމުން އަންނަނީ ވަރަށް ބާ އިމާރާތްތަކުގައިކަން ރަށްރަށުގެ ކައުންސިލްތަކާ ވެސް ބައްދަލުކުރެއްވުމަށް ކުރެއްވި އެ ދަތުރުފުޅުގައި ފާހަގަވި ކަމަށެވެ.

އެހެންވެ، ރައީސް ވިދާޅުވީ ކައުންސިލްތަކުގެ އިދާރާތައް ހިންގުމަށް އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ. އެއީ ބަޖެޓުގައި ނެތް މަޝްރޫއަކަށް ވާތީ، އެ މަސައްކަތް ކުރާނީ އިންވެސްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 50 ރަށެއްގައި ރަށު ކައުންސިލް އޮފީސް އަޅުގަނޑުމެން ގާއިމްކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ 50 ރަށެެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކަނޑައަޅާ ރަށްތަކަށް މާކްސް ދޭނެ ގޮތް ހިމަނާފައެވެ.

އެގޮތުން ރަށުގެ އާބާދީ، ކައުންސިލުގެ ވަސީލަތް އަދި މިހާރު އިމާރާތް ހުރި ހާލަތަށް ބަލައި ކޮންމެ ބަޔަކަށް ގިނަވެގެން 20 މާކްސް ވަނީ ކަނޑައަޅާފައެވެ. ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ކޮމިޓީ މަސައްކަތް ކުރާނެ ޖާގައަށް ކޮންމެ ބަޔަކަށް ވަކިން ގިނަވަގެން 10 މާކްސް ދޭން ވަނީ ހިމަނައިފައެވެ.

ކޮންމެ އަހަރެއްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލަކަށް އެލްޖީއޭއިން ދެމުން އަންނަ ކަންގަތި އެވޯޑު ލިބިފައިވާ ކައުންސިލުތަކަށް އިތުރު 10 މާކްސް ދޭނެއެވެ.

މިންގަނޑުތަކާއި މާކްސް ދެވިފައިވާ ގޮތާމެދު އެއްވެސް ކޮމެންޓެއް އޮތް ނަމަ 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން info@mclp.gov.mvއަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު