ޚަބަރު
ނޮޅިވަރަމް ދާއިރާ އަށް ހޮވި މުހައްމަދު ރަޝީދު ވެސް ޕީއެންސީ އަށް
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު ކަމަށް ހޮވާފައިވާ މުހައްމަދު ރަޝީދު (ގަދަގޭ ރަޝީދު) ވެރިކަން ކުރާ ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ އޭނާ ގުޅިވަޑައިގަތީ ރޭގަ އެވެ.

،މުހައްމަދު ރަޝީދުގެ މި ނިންމެވުމާ އެކު، އަންނަ މަހުގެ 28 ގައި ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީ ތަމްސީލުކުރާނެ ބޭފުޅުންގެ އަދަދު 73 އަށް އެރީ އެވެ. އަދި އެއްވެސް އެހެން ޕާޓީއެއްގެ އެހީތެރިކަމާ ނުލައި ވެސް ޕީއެންސީ އަށް ވަނީ އާ މަޖިލިހުގެ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.

ނޮޅިވަރަމް ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ރަޝީދަށް ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ލިބިވަޑައިގަތީ 300 އެއްހާ ވޯޓެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން 66 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވި އެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން 11 ބޭފުޅުން ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ބޭފުޅުންގެ ތެރޭގައިވެސް ގިނައީ ޕީއެންސީގެ ބޭފުޅުންނެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހަ ބޭފުޅަކު މިއަދު ޕީއެންސީއަށް ސޮއިކުރައްވާފައިވާތީ މުހައްމަދު ރަޝީދާއި އަދި މި ހަ ބޭފުޅުންނާ އެކު ކުރިއަށް އޮތް މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރައްވާނެ މެންބަރުންގެ އަދަދު މިހާރު މިވަނީ 73 އިތުރުވެފަ އެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް ހޮވުނު އައްބާސް އަކީ ވެސް ޕީއެންސީއާ އެކު މަސައްކަތް ކުރައްވާނެ މެންބަރުންނަށް ވާތީ ސަރުކާރަށް ވަނީ މަޖިލީހުގެ ވަރަށް ސާފު އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު