ޚަބަރު
ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް: ރައީސް
ސަރުކާރުގެ މި އުންމީދީ މަސައްކަތްތަކާއެކު އިރާދަކުރެއްވިއްޔާ ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެ އެވެ.

"ދިވެހިރާއްޖޭގެ ތަރައްގީއަށާއި އެކި ދާއިރާތަކުން ގައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ހިއްސާދާރުންނަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި ހީވާގި މަސައްކަތްތެރީންނެވެ. މަސައްކަތްތެރީންގެ ރެޔާދުވާލުގެ ހިންމަތާ ނުލައި، މި ގައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެ އެވެ،" ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވެ އެވެ.

ރައީސް ވިދާޅުވީ އެކި ދާއިރާތަކުގައި ޚިދުމަތްކުރާ މަސައްކަތްތެރިންނަށް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމެއް ތައާރަފު ކުރުމާއި މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ކަށަވަރު ކުރުމާއި މަސައްކަތުގައި ކުރިއަށްދިއުމަށް ލުއި ލޯނު ދިނުމާއި އާމްދަނީ ލިބޭނެ މާކެޓުތައް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. މިކަންކަން ސަރުކާރުން މިހާރު ފަށާފައިވާ ކަމަށާއި ޤައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަންކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ހިނގަމުންދާ އިގުތިސޯދީ މަސައްކަތްތައް ފުޅާކޮށް، އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އައު އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އެގޮތުން، ބޮޑެތި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަގުވާމީ މާލީ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަގުވާމީ މާރުކޭޓުތަކުން ފުރުސަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ގައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ހިތާބު ރައީސް މުއިއްޒު ނިންމަވައިލެއްވީ އެ ކަންކަން މި ފަސް އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމުގެ އުންމީދު އާ ކުރައްވަމުންނެވެ. ވިދާޅުވީ، ސަރުކާރުގެ އެ އުންމީދީ މަސައްކަތްތަކާ އެކު، ދިވެހި މަސައްކަތްތެރިންނަށް އޮތީ އުޖާލާ ކުރިމަގެއް ކަމަށެވެ.

"ތިޔާގި ކަމުގެ އެތައް ފުރުސަތެކެވެ. އަޅުގަނޑުގެ އުންމީދަކީ އަދި އަޒުމަކީ މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާ އެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ފަސް އަހަރުގެ ތެރޭގައި ހޯދައިދިނުމެވެ،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު