ޚަބަރު
އަބްދުއްރަހީމް ސަފީރަކަށް އައްޔަން ކުރަނީ
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފް
ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ފުރަތަމަ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އަބްދުއްރަހީމް އައްޔަން ކުރަން ނިންމާފައި ވަނީ ތުރުކީ އަށް ރާއްޖެ އިން ކަނޑައަޅާ ސަފީރުގެ މަގާމަށެވެ. އެގޮތުން އޭނަ އަށް ރުހުން ހޯދަން މަޖިލީހަށް ވަރަށް އަވަހަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.

އުމުރުން 60 އަހަރުވުމާ ގުޅިގެން އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ. އޭނަ ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ ފެބްރުއަރީ 18، 1985 ގަ އެވެ.

ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ވަންދެން ކަމަށް ސިފައިންގެ ގާނޫނުގައި ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ފުރަތަމަ ފަހަރަށް ގާއިމުކުރުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގަތުމަށްފަހު އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއާއި ތުރުކީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.

ރާއްޖެއާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ދެ ގައުމުން ގެންދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
33%
0%
0%
67%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު