ޚަބަރު
އިޒްރޭލުން ރަފަހްއަށް ހަމަލާދިނުން ކުށްވެރިކޮށް، ކުއްލި މައްސަލައެއް
ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ އަށް އިޒްރޭލްގެ ސިފައިން އެރުން ހުއްޓުވުމަށް ރާއްޖެ އަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުން ކުއްލި މައްސަލައެއް މިއަދު ފާސްކޮށްފި އެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި އެ ކުއްލި މައްސަލަ 22 މެންބަރުންގެ ވޯޓާ އެކު މަޖިލީހުގެ ތަޅުމުން ވަނީ ބަލައިގެންފައެވެ. އެ ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ސަލީމް ވަނީ، އިޒްރޭލުން އަނެއްކާ ވެސް ވައިގެ މަގުން ހަމަލާ ދޭން ފެށިކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އެ ހަމަލާގައި މިހާތަނަށް 34،000އަށް ވުރެ ގިނަ މީހުން މަރުވެ، 70،000އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެ ހަމަލާގެ ޓާގެޓަކީ އާއްމު ރައްޔިތުން ކަމަށެވެ. އެއީ، އަސްކަރީ ބައެއްގެ ދެމެދު ހިނގަމުންދާ ހަނގުރާމައެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ.

"އެ ޖަރީމާއަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ދެކޮޅު ހަދާ ކަމެއް ކަން ހާމަކޮށް އިޒްރޭލް ސިފައިން ރަފާ އަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ފަރާތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ކުއްލި މައްސަލައެއް،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހަށް އެކި މެންބަރުން ވަނީ ކުއްލި މައްސަލައިގެ ގޮތުގައި އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް ހުށަހަޅާފައެވެ. އަދި، އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ވެސް ހުށަހަޅާފައިވެއެވެ. އެކަމަކު، މިހާތަނަށް އެ ކަން ކުރެވިފައެއް ނުވެއެވެ.

ރާއްޖެއިން އަބަދު ވެސް ވަކާލާތުކުރަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ފުރުސަތު ލިބެންވާނެ ކަމަށެވެ. އަދި، ބައިނަލްއަޤުވާމީ ބައްދަލުވުންތަކުގައި ވެސް ރާއްޖެއިން އަބަދު ވެސް އެ ގައުމާ އެއްކޮޅަށް ވަކާލާތުކުރެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު