އިންޑިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ހިއްސާއެއް: ފައިސަލް
ހަސަން ހަލީމް
07 މެއި 2024 - 13:15
0 comments
ޓޫރިޒަމް މިނިސްޓަރު އަރަބިއަން ޓްރެވަލް މާކެޓުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
އިންޑިއާއަކީ މި އަހަރު ފެށުނުއިރު ރާއްޖޭގެ އެއްވަނަ ޓޫރިޒަމް މާކެޓެވެ. ނަމަވެސް މި އަހަރު ފެށުނު ފަހުން އެ ގައުމު އޮތީ އެ ލިސްޓުގެ ހަވަނައިގައެވެ. ލިސްޓުގެ ހަވަނައިގައި އެ ގައުމު އޮންނަތާ ފަސް މަސް ވެއްޖެއެވެ.ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް އިންޑިއާއިން ރާއްޖެ އައިސްފައިވަނީ ޖުމްލަ 43،991 ފަތުރުވެރިންނެވެ.ދުބާއީގައި މިހާރު ހިނގަމުން އަންނަ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެއާގައި އިންޑިއާގެ ނޫހެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، ރާއްޖެއިން ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑަށް ޕްރޮމޯޓް ކުރަނީ ރައްކާތެރި ކަމާއި އަމަންއަމާން ކަން ކަމަށާއި އިންޑިއާ ޓޫރިސްޓުންނަށް ވެސް އެފަދަ ރައްކާތެރިކަން ކަށަވަރުކަން ލިބޭނެ ކަމަށެވެ.އިންޑިއާއަކީ އާބާދީ ބޮޑު ގައުމަކަށް ވެފައި އެ ގައުމުގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ހިއްސާއެއް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 794،109 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން މިހާރު އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 87،168 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ދެވަނައިގައި އޮތް ރަޝިއާއިން 80،160 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން ޒިޔާރަތްކޮށްފައިވަނީ 76،823 ފަތުރުވެރިންނެވެ.އިންޑިއާ ފަތުރުވެރިން އައުން މިހާ ބޮޑަށް ދަށްވެފައިވަނީ މި ސަރުކާރު އުފެދުމާ އެކު އަވައްޓެރި ގައުމާ އެކު އުފެދުނު ނުތަނަސްވަމުގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ޝުއޫރު