ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ދީފައިވާ ކޯޓާ އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް 1،000 ކޯޓާ ކަށަވަރު ނަމަވެސް، އެއަށް ވުރެ ކޯޓާ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ހައްޖު ކޯޓާ އިތުރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރުކަމާ މިދިޔަ އަހަރުގެ ނޮވެމްބަރުގެ 17 ގައި ހަވާލުވެވަޑައިގަތް ފަހުން ޝަހީމު ގެންދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.މިނިސްޓަރު މިއަދު ވިދާޅުވީ ކޯޓާ އިތުރުކޮށް ދޭން އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ ސަރުކާރަށް ސިޓީއެއް ވެސް ފޮނުއްވާފައިވާ ކަމަށެވެ."މިސާލަކަށް ދީފައި އޮވެދާނެ ގައުމަކަށް 500،000 އެއްހާ މީހުން. އެ ގައުމެއްގެ އާބާދީއާ އަޅާބަލާފައި މި އޮންނަނީ ދީފައި. ނޫނީ 300،000 މީހުން ނޫނީ އެއް ލައްކަ މީހުންގެ ކޯޓާ ދީފައި އޮންނަ ގައުމަކުން ސީދާ ބޭނުންކުރަނީ އެ އަދަދެއް ނޫން. އިގުތިސޯދީ އެކިި ސަބަބުތަކާ ހުރެ މީހުންނަށް ހައްޖަށް ނުދެވި ޖާގަ ހުސްވަނީ. މިސާލަކަށް 50،000 މީހުން ބޭނުންކުރި ކޯޓާއެއް. އެއް ލައްކައިގައި [ކޯޓާ] އޮތް ގައުމެއްގައި. ބާކީ އަދަދެއް ބޭނުމެއް ނުކުރޭ. އެހެންވީމަ، ބާކީ އެ އޮންނަ އަދަދު އެ މީހުން ރިކުއެސްޓް ކޮށްފައި އޮންނަ އަދަދުތަކަށް މި ބަހާލަނީ." މިނިސްޓަރު ވިދާޅުވި އެވެ.ހައްޖު މިނިސްޓްރީއާ ހަވާލަދެއްވައި ޝަހީމް ވިދާޅުވީ ބާކީވާ ހައްޖު ކޯޓާގެ އަދަދު ޔަގީންވާނީ ހައްޖު ކައިރިވުމުން ކަމަށެވެ."..އެ ހާލަތު އަންނައިރު އިރާދަކުރެއްވިއްޔާ ޕްރިއޮރިޓީ ތިމަންނަމެން ދޭނަމޭ ދިވެހިރާއްޖެއަށް ވެސް... އަޅުގަނޑު އުއްމީދުކުރަނީ ކޮންމެ ވެސް ވަރެއްގެ އިތުރުވުމެއް އަންނާނެއޭ. އެ އިތުރުވުން އަންނާނީ ވަރަށް ގާތްކޮށްފައޭ. ކޮންމެ ވެސް ވަރެއްގެ އިތުރުވުމެއް އައުމުގެ ޕޮސިބިލިޓީ އެބައޮތް، އުއްމީދުކުރަނީ އެގޮތަށް." ޝަހީމް ވިދާޅުވި އެވެ.ސަރުކާރުން ވަނީ މި އަހަރުގެ ހައްޖު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފަ އެވެ. ނަމަވެސް އިތުރު ކޯޓާ ލިބިއްޖެ ނަމަ ހައްޖު ކޯޕަރޭޝަނުން ހައްޖަށް ގެންދާ އަގަށް ގެންދަން އެއްބަސްވާ އިތުރު ޖަމާއަތްތަކަށް ފުރުސަތު ދިނުމުގެ ވިސްނުން އޮތްކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.