ޚަބަރު
ގާފަރު ފަޅުން 16 ރަށް ހިއްކަން ހަވާލުކޮށްފި
ގާފަރު ފަޅުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފޮޓޯއަކަށް ހުއްޓި
ކ. ގާފަރުފަޅުން 16 ރަށާއެކު 104 ހެކްޓަރު ހިއްކަން 562 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފި އެވެ.

މިއީ ކާފު އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކިގެންދާ އެންމެ ފުރަތަމަ މަޝްރޫއުކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ. 

އެ ފަޅުގައި ހިއްސާ ރަށްތަކުގައި އަޅާނީ 14 ޕްރައިވެޓް އައިލެންޑާއި ދެ ލަގްޒަރީ ރިސޯޓެވެ. ޕްރޮޖެކްޓު ހަވާލު ކުރީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުންނެވެ. އެ ކޯޕަރޭޝަނުގެ ފަރާތުން އެގްރިމެންޓުގައި ސޮއި ކުރީ މެނޭޖިން ޑައިރެކްޓަރު އަހުމަދު ނާޒިމް އެވެ.

ގާފަރުފަޅު އޮތީ ފަންޑް މެނޭޖްމަންޓާ މީގެ ކުރިން 2021 ވަނަ އަހަރު ހަވާލުކޮށްފަ އެވެ.

އެއްބަސްވުމުގެ ދަށުން ރަށްތައް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36 މިލިއަން ޔޫއެސް ޑޮލަރު ހަރަދުވާނެ އެވެ. އަދި މީގެތެރެއިން، ހިއްކުމުގެ މަސައްކަތަށް ތިން މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ކިއުބިކް މީޓަރަކަށް 7.8 ޔޫއެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫއެސް ޑޮލަރު ހަރަދުވާނެކަމަށް ބެލެވޭ ކަމަށް އެމްއެފްއެމްސީ އިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގާ ހިއްކުމުގެ މަޝްރޫއުތަކަށްދާ ހަރަދަށްވުރެ ވަރަށް ބޮޑު ތަނުން ކުޑަ އަދަދެކެވެ.

މި މަސައްކަތަށް ދާ ހަރަދު އެމްއެފްއެމްސީން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމުމަށް ފަހު އެ ރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު