އަންހެން ވިޔަފާރިވެރިންނަށް ލޯނު ފެސިލިޓީއެއް
އަލީ ރާޒީ
27 މެއި 2024 - 10:28
0 comments
ސިޑްސްގެ ގްލޯބަލް ބިޒްނަސް ނެޓްވޯކްގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު
ކުދި ޖަޒީރާ ގައުމުތަކުގެ ކުރިއެރުމަށްޓަކައި އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުވައި އިޖުތިމާއި ގުޅުން ބަދަހިކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ރައީސް މިހެން ވިދާޅުވީ އިއްޔެ ހަވީރު އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ ބަދަލުވަމުންދާ އޮއެވަރުގައި ކުދި ގައުމުތަކުގެ ވިޔަފާރިތަކަށް އެ ގައުމުތަކުގެ ސަރުކާރުތަކުން އިހުނަށްވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވެ އެވެ. ރާއްޖެއިން މަސައްކަތް ކުރަމުންދަނީ އެ އަމާޒަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ވިޔަފާރިތަކަށް ހުޅުވައިދޭ މަގުތަކުގެ އިތުރުން، ރައީސް ވަނީ ސިޑްސްގެ ގައުމުތަކުގައި ހުންނަ ކުދި އާބާދީތަކުގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފަ އެވެ. މިއީ ކުދި ވިޔަފާރިތަކާއި ސަރުކާރުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.އިޖުތިމާއި ގުޅުން ބަދަހިކޮށް، އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައީސް މިއަދު ފާހަގަކުރައްވާފައި ވަނީ އަންހެނުންނަށް ހާއްސަކޮށްގެން ދޭން ނިންމާފައިވާ 100 މިލިއަން ރުފިޔާގެ ލޯނެވެ.އޭގެ ތެރެއިން 25 ޕަސެންޓު ދޭނީ އަންހެނުންގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށާއި ސަރުކާރުގެ މި ނިންމުމުގެ މައިގަނޑު މަގުސަދަކީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ކޮންފަރެންސަށް ކަނޑައަޅާފައިވާ އެޖެންޑާ ހާސިލުކުރެވޭނީ، ކުދި ޖަޒީރާ ގައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔަފާރިތަކާ ގުޅިގެންނެވެ."އެންމެންނަށް ކުރިއެރުން ލިބޭނީ އަޅުގަނޑުމެން [ސަރުކާރުތަކުން] ކުރާ މަސައްކަތުގެ ހުންގާނު އަމިއްލަ ވިޔަފާރިތަކަށް ދީގެން."ކޮންމެ 10 އަހަރަކުން ބާއްވާ ސިޑްސް ކޮންފަރެންސް އަކީ މި މަހުގެ 30 ނިޔަލަށް ކުރިއަށް ގެންދާ ހަތަރު ދުވަހުގެ އިވެންޓެކެވެ.ބާބުޑާގައި މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސަމިޓްގެ ޕްލިނަރީ ސެޝަންގައި ރާއްޖޭގެ ގައުމީ ބަޔާން ވެސް ރައީސް މުއިއްޒު އިއްވަވާނެ އެވެ. އަދި ރާއްޖޭން މޫސުމީ ބަދަލުތަކާ ގުޅިގެން ތަހަންމަލުކުރަމުންދާ ކަންކަމާއި އެކަންކަމުން އަރައިގަތުމަށްޓަކައި ކޮށްދޭން އެދޭ ކަންކަމަށް އަލިއަޅުވާލައްވައި އެ މަނިކުފާނު ޖުމްލަ ހަތް ސްޓޭޓްމަންޓެއް ދެއްވާނެ އެވެ.އެ ކޮންފަރެންސްގައި ރާއްޖެއިން އިންތިޒާމުކުރާ ތިން ހަވާސާ ބައްދަލުވުން ވެސް ބާއްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު