ވިޔަފާރި
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކޮށްފި
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން މިފަހަރު ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އަށް ބަދަލުކޮށްފި އެވެ.

މޫޑީސް އިން ރާއްޖެ ޑައުންގްރޭޑް ކުރީ ސީއޭއޭ-2 އަށެވެ. އެއީ ކްރެޑިޓް ރިސްކު ވަރަށް ބޮޑަށް އޮތް ކަމަށް ބެލެވުމެވެ. އެހެންކަމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރުމަށްފަހު މޫޑީސް އިން ވަނީ ދިވެހިރާއްޖެ އިތުރަށް ޑައުންގްރޭޑްވޭތޯ ބެލުމަށް ރިވިއުއަށް ލައިފަ އެވެ. އެހެންކަމުން، މާލީ ހާލަތު ރަނގަޅުނުވާ ނަމަ އަދި އިތުރު ޑައުންގްރޭޑެއް އައުން ވެސް އެކަށީގެންވެ އެވެ.

ރާއްޖޭގެ ރޭޓިން ދަށް ކުރި ސަބަބުތަކުގެ ތެރޭގައި ޑޮލަރުގެ ރިޒާވް ދަށްވުމާއި ދަރަނި އިތުރުވުމާއި ދަރަނި ނުދެއްކޭނެކަމުގެ ބިރު ބޮޑުވުމުންނެވެ.

މީގެ ކުރިން މޫޑީސްގެ ރޭޓިންގައި ރާއްޖެ އޮތީ ސީއޭއޭ-1 ގަ އެވެ. އެއީ އޭގެ ކުރިން ވެސް އޮތް ރޭޓިން ޖޫން 27، 2024، ގައި ދެމެހެއްޓުމުންނެވެ.

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި މި ވަނީ ފިޗުން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި އޮއްވަ އެވެ. ފިޗުން ރާއްޖޭގެ ރޭޓިން ދަށް ކުރީ ސީސީއަށެވެ. އެއީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު އޮތުމުންނެވެ.

ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ޓަކައި މި ސަރުކާރުން އަންނަނީ މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލައި، ދައުލަތަށް ގެއްލުންވަމުންދާ ކުންފުނިތައް އުވާލުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު ވަނީ ސަރުކާރުން ކުރިން ލަފާކުރި ވަރަށް ވުރެ މިހާރު ރިޒާވް އިތުރު ވަމުން އަންނަ ކަމަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އިތުރު ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް ވަނީ މިދިޔަ މަސް ނިމުނުއިރު އިތުރުވެފައެވެ. އެގޮތުން ޖުމްލަ ރިޒާވް ވަނީ މިދިޔަ މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އަރާފައެވެ. ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވް މިދިޔަ މަސް ނިމުނުއިރު ވަނީ 61.22 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރު 129 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު