ޚަބަރު
ފުލުހުންގެ ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް މާދަމާ އަތުލަނީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަނެފައިވާ ދެ އެޕާޓްމަންޓް ހުސްކުރުމަށް އިތުރު ވަގުތު ދިނުމަށްފަހު ފުލުހުންގެ ނިންމުން ބަދަލުކޮށް މި ރޭ މެންދަމު 12:00ގެ ނިޔަލަށް އެޕާޓްމަންޓްތައް ހުސްކުރަން ފުލުހުން އަންގައިފި އެވެ.

ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބައްސާމުގެ ދެ އެޕާޓްމަންޓް ހަ ދުވަހުގެ ތެރޭގައި ހުސްކުރަން މިދިޔަ މަހުގެ 28 ވަނަ ދުވަހު އޭނާއަށް އެންގި ކަމަށެވެ. ނަމަވެސް، އެ މުއްދަތު އިތުރުކޮށްދޭން އޭގެ އަނެއް ދުވަހު ބައްސާމް އެ އިދާރާގައި އެދުނު ކަމަށް ފުލުހުން ބުންޏެވެ.

ބައްސާމް އެދުނު ކަންކަމަށް ރިއާޔަތްކުރުމަށް ފަހު އެ މުއްދަތު އިއްޔެގެ ނިޔަލަށް އިތުރުކޮށްދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަޔާނުގައިވާ ގޮތުގައި، އިއްޔެގެ ނިޔަލަށް މުއްދަތު އިތުރުކޮށްދޭން ބައްސާމް އެ އިދާރާގައި އެދިފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ފުލުހުން މީގެކުރިން ބުޏީ ބައްސާމް ދެ އެޕާޓްމަންޓް ގަނެފައިވަނީ އަމީން އެވެނިއު އިން ކަމަށެވެ. އެޕާޓްމަންޓްމަންޓް ގަންނަން ހޭދަކުރި ފައިސާ އަކީ ކޮވިޑްގެ ދުވަސްވަރު ފީފާ އިން ރާއްޖެއަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ކަމަށްވެސް ބުންޏެވެ. ފީފާ އިން ދިން ފައިސާ އަކީ ރާއްޖޭގެ ކްލަބުތަކަށް ލޯނެއްގެ ގޮތުގައި ދޫކުރަން ދިން ފައިސާ ކަމަށްވެސް ބުންޏެވެ.

އެ މައްސަލާގައި ފުލުހުން ވަނީ ބައްސާމްގެ މައްޗަށް ދައުވާކޮށްދޭން ވެސް ޕީޖީ އޮފީހުގައި މިދިޔަ މަހު އެދިފަ އެވެ. އަދި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތްކުރި ހަސަން ވަހީދަށް ވެސް ދައުވާކޮށްދޭން އެދިފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު