ޚަބަރު
އިޒްރޭލު މަދު ބައެއްގެ ޕާސްޕޯޓް މަނާކުރާ ވާހަކަ ފަށައިފި
އިޒުރޭލުން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާތީ އެފަދަ ޖަރީމާތައް ހިންގުމުގައި ބައިވެރިވާ އެންމެން ރާއްޖެ އައުން މަނާކުރަން ފިޔަވަޅު އެޅިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް ދެކޮޅު ހެދުމުގެ ގޮތުން އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާކުރަން އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ބިލެއް ހުށަހަޅުއްވީ މިދިޔަ ޖޫން މަހު އެވެ. އެ ބިލުގެ މަސައްކަތް ކޮމެޓީން ނިންމަން ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ގަ އެވެ.

އެ ބިލު ދިރާސާކުރަން މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި އެ ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުޅުވާލުމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަޒު ނާޒިމް ހުށަހެޅުއްވީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އަންނަނީ ކޮންބައެއް ކަމާއި އެމީހުން ރާއްޖެ އަންނަ ބޭނުން ހޯދަން ކަމާބެހޭ ފަރާތްތަކަށް ސިޓީ ފޮނުވުމަށެވެ. އަދި އެކަމާ ގުޅޭގޮތުން ޓޫރިޒަމް ދާއިރާގެ ފަރާތްތަކުގެ ހިޔާލު ލިޔުމުން ފުރަތަމަ ހޯދުމަށެވެ. އިތުރަށް މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާނަމަ އެ ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުުރުމަށެވެ.

މިސާލަކަށް ދަންނަވާނަމަ އާޖެންޓީނާ އަކީ ވަރަށް ގިނަ އިޒްރޭލް މީހުން ތިބޭ ގައުމެއް. ވަރަށް ގިނަ ޔަހޫދީން ހިޖުރަ ކުރި ގައުމެއް. އެ މީހުން އާޖެންޓީނާ ޕާސްޕޯޓަށް ވުރެ ގިނައިން އިޒްރޭލް ޕާސްޕޯޓު ބޭނުން ކުރޭ،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ލާއިންސާނީ ޖަރީމާ ހިންގާ މީހުންނާއި މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަ މީހުންނަށް އދ އިން ވެސް ފިޔަވަޅު އަޅަނީ އެފަދަ އަމަލުތައް ހިންގާ މީހުންނަށް އަމާޒުކޮށްގެން ކަމަށެވެ. އެހެންކަމުން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގާ އެ ގައުމުގެ ވެރިންނާއި އަސްކަރިއްޔާގެ މީހުންނަށް ފިޔަވަޅު އެޅިދާނެ ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ. އެހެންކަމުން މިމައްސަލައިގައި ފިޔަވަޅެއް އެޅުމުގެ ކުރިން ރަނގަޅު މައުލޫމާތު ހޯދައި އަދި މައްސަލަ ރަނގަޅަށް ދިރާސާކުރުމަށް ނާޒިމު އެދިވަޑައިގެންނެވި އެވެ.

ކޮމިޓީގެ މިބައްދަލުވުމުގައި ވަނީ މިމައްސަލައިގައި ސިޔާސީ ޕާޓީތަކާއި ކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލުކުރުމަށް ނިންމާފަ އެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމުގެ ގޮތުން އެ ގައުމުގެ ރައްޔިތުންގެ ޕާސްޕޯޓު މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް ބިލު ހުށަހެޅީ ގަލޮޅު ދެނުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު އެވެ.

އެ މައްސަލަ އިބްތިދާއީ ބަހުސްއަށް ފަހު ބަލައިގަތުމަށް ނިންމައި ކޮމިޓީއަށް ފޮނުވާފައި ވަނީ ޖޫން 10، ގައެވެ. އެއަށްފަހު އެ މައްސަލަ ކޮމިޓީގައި ތާށިވެފައި އޮތުމަށްފަހު މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު އެވެ.

ބިލުގެ މައްސަލަ ކުރިއަށް ނުގޮސް ކޮމިޓީގައި ތާށިވެފައި އޮތުމުން ސަރުކާރުގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ ޕީއެންސީއަށް ވެސް އަންނަނީ ބޮޑެތި ފާޑު ކިޔުންތައް އަމާޒުވަމުންނެވެ. އެގޮތުން އިއްޔެ އެ މައްސަލަ އަވަސް ކުރުމަށް ހުށަހެޅި ގަގާރު ވެސް މަޖިލީހުން ވަނީ ބޭރުކޮށްފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު