ވިޔަފާރި
ދިރާގުން ލިމިޓެއް ނެތް އިންޓަނެޓް ޕްކޭޖުތަކެއް ތައާރަފްކޮށްފި
ދިރާގުން 'ލިމިޓެއް ނެތް' އިންޓަނެޓް ޕްކޭޖުތަކެއް މިރޭ ތައާރަފްކޮށްފި އެވެ.

މި އާ ޕެކޭޖްތައް ދިރާގުން ތައާރަފް ކުރީ ދިރާގު މައި އޮފީހުގައި މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

ދިރާގުގެ 'ލިމިޓެއް ނެތް' ޕެކޭޖުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް ފެތޭ، ލިމިޓެއް ނެތި ސްޓްރީމްކޮށް، ގޭމް ކުޅެ އަދި ބްރައުސްކުރުމަށް އެންމެ ފުރިހަމަ ޕެކޭޖްތަކެކެވެ. އެގޮތުން: 

  • ދިރާގު ކަސްޓަމަރުންނަށް ލިމިޓެއް ނެތް 20 އެމްބީޕީއެސް އިން ފެށިގެން 1 ޖީބީއެމްޕީއެސް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަކާ ހަމައަށް، ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ އިންޓަނެޓް ހިދުމަތް ލިބޭނެ 

  • އެކި ސްޕީޑްތަކާއި ހުސްނުވާ ޑޭޓާ އެލަވަންސްތަކާ އެކު ލިބޭނެ

"ރާއްޖެ ޑިޖިޓަލް ޒަމާނުގައި ކުރިއަރަމުން އަންނައިރު، ހުއްޓުމެއް ނެތް، ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ބޭނުންވަނީ އިތުރުވެފައި. އެގޮތުން، ރާއްޖެ މުވާސަލާތީ ގޮތުން ގުޅުވާލައި، ޑިޖިޓަލް މުސްތަގުބަލަށް ކަސްޓަމަރުން ތައްޔާރުކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހައްމިއްޔަތުކަން ދޭ ކަމެއް،" މިރޭ ބޭއްވި ހަފްލާގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް. އަދި ދިރާގުން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނާ ހަމައަށް އިޖާދީ، ޑިޖިޓަލް ހައްލުތައް ގެނެސްދީ އެފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފާގަތިކުރުމަށް."

ދާދި ފަހުން ދިރާގުން ވަނީ އެންމެ ފަހުގެ ގްލޯބަލް ސުޕަ-ހައިވޭ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ލޭންޑިންގް ރާއްޖެގައި އިފްތިތާހުކޮށްފަ އެވެ. އެއާ އެކު ދުނިޔޭގެ މައި އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކަށް ދިވެހިރާއްޖެ ސީދާ ގުޅުވާލަދީ، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ އްޖޭގައި އެންމެ ހަލުވި ސްޕީޑްގައި އަދި އެންމެ ފުޅާ ދާއިރާއެއްގައި ކަވަރޭޖް ފޯރުކޮށްދޭ ނެޓްވޯކެވެ. އެގޮތުން ދިރާގުގެ އިންޓަނެޓް ހިދުމަތް މިހާރު ވަނީ ރާއްޖޭގެ 95 ޕަސަންޓަށްވުރެ ގިނަ ގޭބީސީތަކަށް ފޯރުކޮށްދީފަ އެވެ.

އެ ކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އިނޮވޭޓިވް ސޮލިއުޝަންތައް އުފައްދައި، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު