ޚަބަރު
ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމްކޮށްދޭނަން: ރައީސް
އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އއ.ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ، ލޯކަލް ޓޫރިމަށް އިސްކަންދޭ ރަށެއްކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް ތޮއްޑޫއަށް ގިނަ ޓޫރިސްޓުން އަންނާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ތޮއްޑޫގެ ރައްޔިތުންނަށް އަމިއްލަ ރަށުން ޑޮލަރު ނެގޭނެގޮތް ވާންޖެހޭކަމަށެވެ.

ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ޚިދުމަތްކުރުމުގެ ސިޔާސަތުގެ ތެރެއިން ރަށުގައި ތިބެގެން ޑޮލަރު ނެގޭނެ ގޮތް ހަމަޖައްސާ އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ޤާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ބީއެމްއެލްއަށް ދަންނަވާނެކަމަށްވެސް ވިދާޅުވިއެވެ.

"މިހާރުވެސް 50 އެއްހާ ގެސްޓްހައުސް ހުރިއިރު އިތުރު 40 މަޝްރޫއެއް ކުރިއަށް އެބަގެންދޭ. އެހެންކަމުން އެއްރަށެއްގައި ކުރިއަށް އޮތް 2 އަހަރެއްތެރޭ 3000 އެއްހާ ޓޫރިސްޓުން ގެނެވޭހާ ލޯކަލް ޓޫރިޒަމްގެ އިންޑަސްޓްރީއެއް އުފެދެމުން މިދަނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.

ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު މާލޭގެ އިތުރުން މިވަގުތު ޑޮލަރު އޭޓީއެމްއެއް ހުރީ ކ. މާފުށީގަ އެވެ.

ރައީސް މުއިއްޒު އއ. އަތޮޅަށް ކުރައްވާ ކުރައްވާ ދަތުރުފުޅުގައި ތޮއްޑު އަށް ފަހު ވަޑައިގަންނަވާނީ އެ އަތޮޅު ރަސްދުއަށެވެ. އެ ރަށު އެ ރަށު ކައުންސިލާ ބައްދަލު ކުރައްވައި، އުކުޅަހު ކައުންސިލާ ވެސް އެ އިދާރާގައި ބައްދަލު ކުރައްވާނެ އެވެ.

މިއަދު ހަވީރު މަތިވެރިއަށް ވަޑައިގެން އެ ރަށު ކައުންސިލްގެ އިތުރުން ހިމަންދު އާއި މާޅޮހާއި ފެރިދޫ އަދި ބޮޑުފޮޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި މާދަމާ ކ. އަތޮޅުން ގާފަރާއި ހުރާ އަދި ހިންމަފުއްޓަށް ވަޑައިގަންނަވާއިރު، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު