ޚަބަރު
އެފްޑީސީ ފްލެޓްގެ އަގު: ދެ ކޮޓަރި 8،000ރ، ތިން ކޮޓަރި 10،500ރ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ 4،000 ފްލެޓް ދޫކުރެވޭނީ ކުރިން މަހަކަށް ދައްކަން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުން އިމާރާތްކުރަން ފެށި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރުމަށް ފަހު، މި ސަރުކާރުން އާ ލިސްޓެއް މިއަދު 3 ޖަހާއިރު ނެރޭނެ އެވެ. އެކަމުގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި މުއްތަލިބު ވިދާޅުވީ 4،000 ފްލެޓަށް ކުރީގެ ސަރުކާރުން ނިންމީ ދެ ކޮޓަރީގެ ފްލެޓުތަކަށް 5،000ރ. އަދި މެއިންޓަނެންސް ފީގެ ގޮތުގައި 1،000ރ. އެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް އޭރު ނިންމީ 7،000ރ. މަހު ކުއްޔަކާއި މެއިންޓަނެންސް ފީގެ ގޮތުގައި 1،000ރ. އެވެ.

ނަމަވެސް، މުއްތަލިބު ވިދާޅުވީ އެއީ ލޯނު ދައްކަން ޖެހޭ އަދަދަށް ބަލައި އަދި އެސެސްމަންޓް ހެދުމަށްފަހު ކަނޑައަޅާފައިވާ އަގެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ އެންމެ ރަނގަޅަކަށް، އިންސާފުވެރިކޮށް ކަނޑައަޅާފައިވާ އަދަދުތަކެއް ކަމަށް. އެފްޑީސީގެ ހިސާބުތަކަށް ބަލާއިރު ލޯނު ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި، މާނައަކީ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ 85 ޕަސެންޓު ލޯނަކުން މިކުރާ މަސައްކަތެއް މި މަސައްކަތަކީ. އެ ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ފައިސާ ސަރުކާރުން ހޯދާނަމަ ތިން ކޮޓަރީގެ ފްލެޓަކުން 13،000ރ. ނަގަންޖެހޭ މަހު ކުއްޔަކަށް. ދެ ކޮޓަރީގެ ފްލެޓަކުން 9،000ރ. ނަގަން ޖެހޭ ކުއްޔަކަށް،" މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަގުތައް ކަނޑައަޅާފައިވަނީ ބަޖެޓަށް ބުރަ ނުވާނެހެން ކަމަށެވެ. މި އަގުތަކާ އެކު ވެސް ލޯނަށް ސަބްސިޑައިން ކުރުމަށް ބަޖެޓުން 100 މިލިއަން ރުފިޔާ އަހަރަކު ހޭދަވާނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު