ޚަބަރު
ފްލެޓް ދޫކޮށްލަން ހައިދަރު ނިންމަވައިފި
ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ ލިބޭ މީހުންގެ ލިސްޓުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހިމަނާފައި އޮތުމުން، އޭނާގެ ޝަރުތު ހަމަވި ގޮތާ މެދު ސުވާލު އުފައްދަމުން ދަނިކޮށް، ފްލެޓު ދޫކޮށްލައްވަން އޭނާ ނިންމަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައިދަރު ވިދާޅުވީ އޭނާ މިހާރު ހުންނެވި ހައިސިއްޔަތުގެ ގޮތުން އެ ފްލެޓް ލިބުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ދެމަފިރިންނަށްވުރެ ފްލެޓް ހައްގުވާ އެތައް ބައިވަރު އެހެން އާއިލާއެއް ތިބޭނެ ކަމަށާއި އެހެންވެ ފްލެޓް ދޫކުރަން ގަސްދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ވީމާ މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ތާއަތާއި އިހުތިރާމާ އެކު ދެންނެވީމެވެ،" އެންމެ ފަހުން ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި ހައިދަރުގެ ބަޔާނުގައި ވެ އެވެ.

މީގެކުރިން އާއިލާއާ އެކު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދެވި ހައިދަރު މީގެކުރިން ހުންނެވީ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހައިދަރު ހަޔާ އެޑިއުކޭޝަނަށް ބަދަލުކުރައްވާފަ އެވެ.

ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ތިބި 4،939 މީހުންގެ އެޕްލިކޭޝަންތައް މި ސަރުކާރުން ވެރިފައި ކުރިއިރު، ފްލެޓް ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުންނެވެ. އެއީ، ތިން ކޮޓަރި ލިބޭ 1،423 މީހުންނާއި ދެ ކޮޓަރި ލިބޭ 397 މީހެކެވެ.

އެގޮތުން 2،695 އެޕްލިކޭޝަން ޝަރުތު ހަމަނުވާ ކަމަށް ނިންމާފައިވާ އިރު، 424 އެޕްލިކޭޝަނެއް ޕޮއިންޓަށް އައި ބަދަލުތަކާއެކު ލިސްޓުން ވަނީ އުނިކޮށްފަ އެވެ.

ފްލެޓު ނުލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށް ލިބޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު