ޚަބަރު
މިއީ ނުފޫޒެއް ނުފޯރުވާ ނެރުނު އެންމެ ފުރަތަމަ ފްލެޓް ލިސްޓު: ރައީސް
މިއަދު ނެރުނު "ގެދޮރުވެރިޔާ" ސްކީމްގެ ފްލެޓް ލިސްޓަކީ އަދި މިހާތަނަށް ނުފޫޒެއް ނެތި ނެރުނު ބޯހިޔާވަހިކަމުގެ އެފަދަ ފުރަތަމަ ލިސްޓުކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރަސްމީ ފާލަން ހުޅުވުމަށް މިރޭ އޮތް ހަފްލާގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ނެރެވުނު ފްލެޓް ލިސްޓަކީ އެ މަނިކުފާނު ގެދޮރުވެރިކަމުގެ މަސައްކަތުގައި މަސައްކަތްކުރައްވަން ފެށި އެންމެ ޖޫނިއާ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު ވެސް ނެރޭނެ އެންމެ އިންސާފުވެރި ލިސްޓު ކަމަށެވެ.

"މިއީ ރާއްޖޭގައި އަޅުގަނޑު ހިތުން، އަޅުގަނޑަށް ހަމަ ޔަގީނުން ވެސް ގެދޮރުވެރިކަމުގެ ދާއިރާގެ ކަންތަކުގެ މައުލޫމާތު އެނގެން ފެށި ހިސާބުން އަދި އެކިއެކި ހައިސިއްޔަތުތަކުން އެންމެ ޖޫނިއާ ލެވެލްއިން ފެށިގެން ސަރުކާރުގެ ކަމާބެހޭ ދާއިރާގައި އުޅެން ފެށި ހިސާބުން ނުފޫޒެއް ނުފޯރުވާ ހައުސިންއިން ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނިކުތް ފުރަތަމަ ފަހަރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒަކީ އެންމެ ގިނަ ދުވަހު ހައުސިން މިނިސްޓަރުކަމުގެ މަގާމު އަދައިކުރެއްވި ބޭފުޅާއެެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެންދެން ވެސް ހައުސިން މިނިސްޓަރަކީ ރައީސް ޑރ. މުއިއްޒެވެ.

ރައީސް ޔާމީންގެ ފަސް އަހަރު ހިންގި އެންމެ ބޮޑު ހައުސިން މަޝްރޫއުކަމަށްވާ ހިޔާގެ މަސައްކަތް ވެސް ކުރެވުނީ އޭރު މިނިސްޓަރުކަމުގައި ހުންނެވި މިހާރުގެ ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރަކީ، މީހަކަށް ލިބިފައި އޮތް އެއްޗެއް އަތުލާނެ ސަރުކާރެއް ނޫން ކަމަށާއި އެކަމުގެ ޝައުގެއް ވެސް އޮތް ސަރުކާރެއް ނޫން ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ޔަގީންކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ކަންބޮޑުވާކަށް ނުޖެހޭނެ. މި އަހަރު ތެރޭގައި މާލޭގައި އަދި ހުޅުމާލޭގައި އެތައް ހާސް ހައުސިން ޔުނިޓްތަކެއްގެ މަސައްކަތް ފަށަން އެ ވަނީ ތައްޔާރުވެފައި. ވިލިމާލޭގައި، ގުޅީފަޅުގައި ވެސް އެތައް ހާސް ޔުނިޓެއްގެ މަސައްކަތް ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން ގިރާވަރު ފަޅާއި އުތުރުތިލަފަޅު އަދި ރަސްމާލޭގައި ވެސް ހައުސިންގެ ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުންނަށް، މާލޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގެދޮރިވެރިކަން ހަމަޖެހިގެންދާނެ. އެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު