ހޯރަފުށިން ހޯކްސްއަށް ދޫކުރި ބިމުގެ މަސައްކަތް ހުއްޓާލަން ވަގުތީ އަމުރެއް ކޯޓުން ނުދިން!
އިސްމާއިލް ރިޒާ
16 ޖޫން 2025 - 12:18
0 comments
ހޯކްސްއަށް ހޯރަފުށިން ދޫކޮށްފައި ބިމުގައި މަސައްކަތް ހިނގަނީ
ތެޔޮ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ ހޯކްސް ކުންފުންޏަށް ހޯރަފުށީ ކައުންސިލުން ބިމެއްދޫކޮށް މަސައްކަތް ކުރިއަށް ގެންދާތީ މަސައްކަތް ހުއްޓުވައި ދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގައި އެދުމުން އެފަދަ އަމުރެއް ނެރެ ދެވެން ނެތް ކަމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމައިފި އެވެ.
އޭސީސީން ކޯޓުގައި އެދުނީ ދަ ހޯކްސް އަށް ތެލުގެ ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިމަކީ ގަވާއިދާ ހިލާފަށް ދީފައިވާ ބިމެއްކަމަށާ، އަދި ކައުންސިލް މެމްބަރުންނަށާއި މުވައްޒަފުންނަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފައި އެވެ. ނަމަވެސް ލިޔެކިޔުން ތަކަށް ބަލާ ދެ ފަރާތުގެ ވާހަކަތައް އަޑު އެހުމަށްފަހު މައްސަލަ ބެއްލެވި ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މޫސާ އިބްރާހިމް ވަނީ އެފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފަ އެވެ.މިފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ހުކުމް ކުރިއިރު މި މައްސަލައިގައި ހޯކްސްއަށް ހއ. ހޯރަފުށިން ދޫކޮށްފައިވާ ބިމުގައި މަސައްކަތް ކުރަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ބުނެފައި އެވެ.ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިއްޔެ އޮތް ބައްދަލުވުމަށް ހުށަހެޅި މައްސަލާގައި ވަނީ ހޯރަފުށީ ހޯކްސްއަށް ބިމެއް ދިން މައްސަލާގައި އަމިއްލަ ފަރާތްކުން މަޖިލީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މަޖިލީހުން ވަނީ އެކަންވީ ގޮތް ސާފު ކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އޭސީސީގައި އެދިފަ އެވެ.
އެލްޖީއޭއިން މި މައްސަލާގައި ގަވައިދާ ހިލާފަށް ބިން ދޫކުރި ކަމަށް ބުނެފައިވަނީ ބިން ދޫކުރުމުގައި އެކަމުގެ ތަފުސީލް ނެތި ބިން ދޫކޮށްފައިވުމުންނެވެ. އަދި މި ބިން ދޫކޮށްފަ އެގްރިމެންޓް ހެދުމަށްފަހު ބިން ވަނީ އަލުން ބަދަލުކޮށްފަ އެވެ. ނަމަވެސް އެލްޖީއޭއިން ބުނީ އެގޮތަށް ނުހެދޭނެ ކަމަށާ އެކަން ކުރާނަމަ އަލުން އިއުލާނު ކުރަން ޖެހޭނެ ކަމަށެވެ. އަމިއްލަ ފަރާތަޖުން ހުށަހަޅާގައި މައުލޫމާތު ސާފު ކުރުމުން ރައްޔިތުން މަޖިލީހަށް އެލްޖީއޭއިން ދިން ޖަވާބުގައި ބުނެފައިވަނީ ހޯކްސް އިން އެ ބިމުގައި މަސައްކަތް ކުރަނީ ގަވައިދާ ހިލާފަށް ކަމަށާ އެކަން ހުއްޓުވައި ދޭން ކައުންސިލްގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް ކައުންސިލުން އެކަން ހުއްޓުވާފައެއް ނުވެ އެވެ. މި މަސައްކަތް ހުއްޓުވާފައި ނުވާއިރު އެބިން ދޫކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށްވެސް އެލްޖީއޭ އިން ބުނެފައިވެ އެވެ.
ހޯކްސްއަށް ހޯރަފުށިން ދޫކޮށްފައިވަނީ 5،000 އަކަފޫޓުގެ ބިމެކެވެ. މި ބިމުގައި އެ ކުންފުނިން ދަނީ ތެޔޮ ވަސީލަތްތަކެއް ހަދަމުންނެވެ. މި ތަނުގެ މަސައްކަތުގެ ބޮޑު ބައެއް ނިމި ހިދުމަތް ފަށަން ތައްޔާރުވެފައިވަނިކޮށް މި މަސައްކަތް ހުއްޓުވަން ސަރުކާރުން ނުކުތުމުން ހޯރަފުށީ ކައުންސިލުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން ނެވެ.
ކިޔުންތެރިންގެ ޝުއޫރު