ޚަބަރު
ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި
ދެމެހެއްޓެނިވި ތަރައްގީ ހާސިލް ކުރުމަށް ކުދި ޖަޒީރާ ގައުމުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް (އެފްއެފްޑީ4) ގެ ހަވާސާގައި ކުރިއަށްދިޔަ "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސަރވިސް" އިވެންޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކަށް، ވަކީން ހާއްސަކޮށް ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ގައުމުތަކަށް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށެވެ.

އެ މަނިކުފާނުވަނީ ވަނީ ސިޑްސްއަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މުހިންމު، މާލީ އިސްލާހުތަކަކަށް ވަކާލާތު ކުރައްވައިފައެވެ. އަދި ތަރައްގީއަށް ވުނަކުރުމަށް މަގުފަހިކުރުމަށް ޓަކައި "ފިސްކަލް ސްޕޭސް"އެއް ތަރައްގީކޮށް، އާންމު ލޯނުތަކަށްވުރެ ފުރިހަމަ އުސޫލުތަކެއްގެ ދަށުން ދޫކުރެވޭ ކޮންސެޝަނަލް ލޯނު ހޯދުމާއި، މި ގައުމުތަކަށް ދަރަނީގެ ދެމެހެއްޓެނިވި އަދި މެނޭޖްކުރެވޭނެ ޕޯޓްފޯލިއޯއެއް އުފެއްދުމަށް އިލްތިމާސްކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިއަދުގެ މާލީ މާހައުލުގައި ސިޑްސްގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވައިފައެވެ.

ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަގީންކަން، އެ މަނިކުފާނު ދެއްވިއެވެ. ސިޑްސްއަށް ޚާއްސަ ކުރެވިގެން ހައްލުތަކެއް ހޯދައި، ދޭސީ އީޖާދީ އުފެއްދުންތެރިކަން ކުރިއަރައި ދިއުމަށް ފުރުސަތު ފަހިވާނެކަން ފާހަގަ ކުރައްވައި، މިފަދަ ޚިދުމަތެއްގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ވެސް އެ މަނިކުފާނު ވަނީ ބާރުއަޅުއްވައިފަ އެވެ.

އެ އިވެންޓުގައި، އެކިއެކި ގައުމުތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން އދ. ގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ކޮންފަރެންސް ކުރިއަށް ގެންދަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު