ޚަބަރު
އެމްޑީޕީން މޯލްޑިވިއަނަށް އެއްފަހަރާ 3.6 މިލިއަން ދައްކަން ހުކުމްކޮށްފި
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މޯލްޑިވިއަނުން އެމްޑީޕީއަށް ކޮށްދިން ދަތުރުތަކުގެ އަގު ދެއްކުމުގައި ލަސްތަކެއް އުޅޭތީ ދެ ފަރާތުގެ ދެމެދު އޮތް ސެޓަލްމަންޓު އެގުރިމަންޓް އުވާލައި، އެއް މަސް ތެރޭގައި 3.6 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އެމްޑީޕީއާ ދެމެދު މިދިޔަ އަހަރު ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީން ކުރި ކެމްޕެއިން ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ ގޮތަށެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް މި އަހަރު ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އައިލެންޑް އޭވިއޭޝަނުން ވަނީ އެ ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދަން ދައުވާކޮށްފަ އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ދެ މިލިއަން ރުފިޔާ އެމްޑީޕީން މިހާތަނަށް ދައްކާފައިވާއިރު، ބާކީ 3.6 މިލިއަން ރުފިޔާ ނުދެއްކެނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނާ ކަމަށެވެ. އެ ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް އައިލެންޑް އޭވިއޭޝަނުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ގާޒީ ސިނާން ކުރެއްވި ހުކުމުގައިވަނީ ބާކީ ހުރި 3.6 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން އަންގާފައެވެ. އެމްޑީޕީން އެ ފައިސާ ނުދައްކަން ދައްކާފައިވާ ހުއްޖަތަކީ، އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމެވެ. އެ ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް މޯލްޑިވިއަނުން އެކަމާ ހެދީ ދެކޮޅެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު