ޚަބަރު
ޝަހީދު ފަނޑިޔާރަކަށް އައްޔަން ކުރުން ހުއްޓުވަން އެދުނު މައްސަލަ ކޯޓުން ބަލައިގެންފި
ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ނިންމި ޝަހީދު، ރައީސް މުއިއްޒުއާއެކު
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ޝަހީދު އައްޔަންކުރަން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.

ޖޭއެސްސީން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމީ، ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލީ 18 މީހުންގެ ތެރެއިންނެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް، ޝަހީދާ އެކު ދެން އައްޔަންކުރަން ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ.

ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މި މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅުއްވީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި, އަދި ޕްރޮސިކިއުޓާ ޖެނެެރަލް އޮފީހުގެ ވަކީލް, އަހުމަދު ނައުޝާދެވެ.

މި މައްސަލަ މިއަދު ކޯޓުން ބަލައިގެންފައިވާއިރު, ޖޭއެސްސީއިން ވަނީ މިރޭ ހައި ކޯޓުގެ އައު ފަނޑިޔާރުން ހުވާ ކުރަން ނިންމައިފައެވެ. އެ ރަސްމިއްޔާތު އޮތީ މިރޭ 20:30 ގައި ސުޕްރީމް ކޯޓުގައެވެ.

ޖުލައި މަހާ ހަމައަށް ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި ޝަހީދަކީ ޕީޕީއެމް އަދި ޕީއެންސީގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ޕޯޑިއަމްތަކުގައި ވާހަކަ ދައްކައި، ޕާޓީގެ ކަންކަމުގައި ވަރަށް ގިނައިން އުޅުނު މީހެކެވެ. ޕީއެންސީގެ ދަފުތަރުގައި މިހާރު ވެސް އޭނާގެ ނަން އެބަ އޮތެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު