އަލީ ރާޒީ
17 ފެބުރުއަރީ 2026 - 10:43
0 comments
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާއި ޕެންޝަނާއި ފިސްކަލް ޒިންމާ އަދި މާލިއްޔަތު ގާނޫނާ ހިލާފަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ބުނެ، މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގައި ވަނީ މަޖިލީހުގެ ހުއްދަ ލިބިގެން މެނުވީ، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކޮށްގެން ނުވާނެ ކަމަށާއި ވަކި ކަންކަމަށް ކަނޑައަޅާފައިވާ ހަރަދު ވެސް ކުރަން ވާނީ އެ ކަންކަމަށް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައިފަ އެވެ.ގަރާރުގައި ބުނީ ސަރުކާރުގެ މި އަމަލުގެ ސަބަބުން، ޕެންޝަން ފަންޑުގައި ފަހަށް ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ އެގޮތް މިގޮތަށް ހަރަދުކޮށް، ހުސްކޮށްލަމުންދާކަން ފާޅުކަންބޮޑުކޮށް ފެންނަން އޮތްކަން ކަމަށާއި ޕެންޝަން ފަންޑުގެ މިނިވަންކަން ގެއްލި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށެވެ.އަދި މީގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުތައް ނުހަނު ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ދައުލަތާއި ރައްޔިތުންގެ މާލީ ކަންކަން ނުރައްކާތެރި ހާލަތަކަށް ހިނގައިދާ ކަމަށް ބުނެފައިވެ އެވެ."ސަރުކާރުގެ މި އަމަލުގެ ސަބަބުން ޕެންޝަން ފަންޑުގައި ފަހަށް ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ އެގޮތް މިގޮތަށް ހަރަދުކޮށް ހުސްކޮށްލަމުންދާކަން ފާޅުކަންބޮޑުގޮތެއްގައި ފެންނަން އޮތް ހިނދު، މިކަމަކީ ޕެންޝަން ފަންޑުގެ މިނިވަންކަން ގެއްލި، ނަތީޖާއެެއްގެ ގޮތުން ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިދާނެފަދަ ކަމެެއް،" ގަރާރުގައިވެ އެވެ.ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭއަށް ވިއްކުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.އެއީ ނުރައްކާތެރި ކަމެއްކަން ފާހަގަކޮށް، އެ މުއާމަލާތައް ހުއްދަދިނުމާ ދެކޮޅު ހަދައި އެ ބޯޑުގެ އިސް ވެރިންތަކެއް ވަނީ އިސްތިއުފާ ވެސް ދެއްވާފަ އެވެ. އެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި ޕެންޝަން ބޯޑުން މިހާރު ވަނީ އެ މުއާމަލާތައް ހުއްދަދީފަ އެވެ.