ޚަބަރު
މައުރޫފާއި އިތުރު ބަޔަކަށް ދައުވާކުރަނީ ކެމްޕެއިނަށް ހުރަސްއަޅަން: އެމްޑީޕީ
ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި އެމްޑީޕީގެ އިތުރު ދެ މެމްބަރެއްގެ މައްޗަށް ދައުވާކުރަން އުޅެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ. 

އެމްޑީޕީން މިދިޔަ 3 އޮކްޓޫބަރުގައި ބޭއްވި އެއްވުމާއި ގުޅުވައި، މައުރޫފް ހިމެނޭހެން، އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ބައެއް މެންބަރުންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މިދިޔަ ހަފްތާގައި ވަނީ ފޮނުވާފަ އެވެ.

އެ ރޭގެ އެއްވުމުން ހައްޔަރުކޮށް ދައުވާކުރަން ފުލުހުން އޭރު ފޮނުވި ހަތް މީހުންނަށް ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އޮތީ ނިންމާފަ އެވެ.

"މިއީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީން ކުރަމުންދާ ކެމްޕޭނަށް ހުރަސްއެޅުމަށާއި އަދި ދިވެހިރާއްޖޭގެ އިންތިހާބީ ނިޒާމު ގަޑުބަޑުކުރުމަށް ނަގަން އުޅޭ އާންމު ވޯޓާ ދެކޮޅަށް މި ފެށޭ މާރިޗު މަހުގެ 21 ވަނަ ދުވަހު މި ޕާޓީން ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވާ މީހުން މަދުކުރުމަށް ހިންގާ ބިރުދެއްކުމުގެ އަމަލެކެވެ،" މިއަދު ނެރުނު އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މިދިޔަ އަހަރު 3 އޮކްޓޫބަރުގައި ބޭއްވި އެއްވުމުގައި ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ބާރުގަދަ އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައިފަ އެވެ. އެ ދުވަހު ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން މީހަކަށް ހާޓް އެޓޭކެއް ވެސް ޖެހުނެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ބާއްވާ ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް އެމްޑީޕީން އެކުލަވާލާފައިވާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ، އެމްޑީޕީން އެއްވުންތައް ކުރިއަށް ގެންދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.

މެމްބަރު މައުރޫފު މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވެސް ހައްޔަރުކުރި އެވެ. އެއީ ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެންނެވެ. 

އެމްޑީޕީގެ އާންމު މަޖިލީހުގެ މެމްބަރު ޒާޔާ އަންނަނީ، އަންނަ މަހު ހަތަރެއްގައި ބާއްވާ ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރަމުންނެވެ. 




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު