ޚަބަރު
ފައްޔާޒު ވެރިކަމަށް ގެންނަން ނަޝީދު ތާއިދުކޮށްފި
ކެމްޕޭން ނިންމާލުމަށް އެމްޑީޕީން ބޭއްވި ރެލީގައި ފައްޔާޒު - ފޮޓޯ/އެމްޑީޕީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް ތާއީދުކުރަން ނިންމައިފި އެވެ. އެކަން އެމަނިކުފާނު އިއުލާންކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން ވަނީ އިއުލާންކޮށްފަ އެވެ. މީގެ ދެ އަހަރު ފަހުން 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ފައްޔާޒަށް ތާއީދު ކުރައްވަން ނަޝީދު ނިންމެވިއިރު، އެ ދެ ބޭފުޅުން ގެންދަވަނީ ޕާޓީގެ އެތެރޭގައި އެކުގައި މަސައްކަތް ކުރައްވަމުންނެވެ. 

ފައްޔާޒްގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ. ޕްރައިމަރީ ބާއްވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގަ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒް ވާދަ ކުރައްވާ ނަމަ އޭނާ ވެގެންދާނީ އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ހަ ވަނަ ބޭފުޅާއަށެވެ.

މިއަދުގެ ޕްރެސްގައި ފައްޔާޒު ވިދާޅުވި ގޮތުގައި "އެމީހުންނަށް ވެސް އެ ޔަގީންކަން އަންނަން އެބަޖެހޭ ހަމަ މަޖިލީސް މެޖޯރިޓީއެއް އޮވެގެނެއް ވައްކެއް ކޮށެއް ނުލެވޭނެކަން. އެމީޙުން އެކަން ކަމުގައި ވެސް ރައްޔިތުންގެ ބަހެއް އޮންނަން އެބަ ޖެހޭ އެމީހުން ވަކި ކުރާނީތޯ ނޫނީ ނޫންތޯ" އެވެ.

ފައްޔާޒުގެ ވާހަކަތައް ނިންމަވާލެއްވުމުން ނަޝީދު ވަނީ ފައްޔާޒަށް ޝުކުރު ދަންނަވައި، ފައްޔާޒު ވެރިކަމަށް ގެންނަން ތާއިދު ކުރައްވާކަމާއި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުން ދެ ތިން ވާހަކައެއް. މި ބަދަލުތައް، ބޮޑު ބަދަލު ގެނައުމަށްޓަކައި އަޅުގަނޑު ތާއިދު ކުރަން ފައްޔާޒު އިސްމާއީލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް. އަދި އަޅުގަނޑު ހަމަ އެއާއެކުގަ މަސައްކަތް ކުރާނީ ފުރަތަމަ ކަމަކަށް އެމްޑީޕީގެ އެއްބަސްވުމާއި އެމީހުން ބަލައިގަތުމަށް މި ބަދަލުތަކަށް. އެހެންވީމަ އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން" ނަޝީދު ވިދާޅުވި އެވެ.

އެކަން ކުރަނީ ބަދަލުތައް ހޯދުމަށް ކަމަށާއި މި ބަދަލުތަކަކީ މިހާރުން މިހާރަށް ބޭނުންވާ ބަދަލުތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު