ޚަބަރު
ދަރަނިތައް އަދާކުރުމާއެކު ދައުލަތުގެ ރިޒާވު 771 މިލިއަނަށް ތިރިވެއްޖެ
އެމްއެމްއޭގެ އިމާރާތް - ފޮޓޯ: މިހާރު
ސުކޫކަށް ފައިސާ ދެއްކުމާއި އިންޑިއާއިން ނަގާފައިވާ ޑޮލަރު ކަރަންސީ ސްވޮޕު އަނބުރާ ރައްދުކުރުމާ ގުޅިގެން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުން މަތީގައި ހުރި ޖުމްލަ ރިޒާވު 717 މިލިއަން ޑޮލަރަށް ތިރިވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ދިވެހި ސަރުކާރުން ވަނީ ސުކޫކަށް 524 މިލިއަން ޑޮލަރު އަދި އިންޑިއާ ސަރުކާރު މެދުވެރިވެގެން އެ ގައުމުގެ މަރުކަޒީ ބޭންކު، ރިޒާވު ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ނަގާފައިވާ 400 މިލިއަން ޑޮލަރު ހިމަނައިގެން، ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އަނބުރާ ދައްކާފަ އެވެ. 

މި ދަރަނިތައް ދައްކާ ނިމުމަށް ފަހު ގްރޮސް ރިޒާވުގައި ހުރި އަދަދުން ވަނީ 613 މިލިއަން ޑޮލަރު މަދުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ޖުމްލަ ރިޒާވުގައި 1.33 ބިލިއަން ޑޮލަރު ހުއްޓެވެ. 

މި އަހަރުގެ ފުރަތަމަ ތިން މަހު ވެސް ޔޫޒަބަލް ރިޒާވްގައި އެއް ބިލިއަން ޑޮލަރަށް ވުރެ މަތީ އަދަދެއް ހުއްޓެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ރިޒާވްގައި 856 މިލިއަން ޑޮލަރު ހުރިއިރު މި އަހަރުގެ އޭޕްރީލް މަހުގެ ރިޒާވް ވަނީ މިދިޔަ އަހަރުގެ އެ މަހަށް ވުރެ 16 ޕަސެންޓް ދަށަށް ގޮސްފައެވެ.

ސަރުކާރުން މި އަހަރު ވަނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައެވެ. އެ ގޮތުން، މި އަހަރުގެ ބަޖެޓުން އެކަނި ވެސް ދަރަނި އަނބުރާ ދެއްކުމާއި، ލޯންތަކުގެ އިންޓްރެސްޓަށް 10 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވަނީ ހޭދަކޮށްފައެވެ. އޭގެ ތެރޭގައި އެމްއެމްއޭއިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ދައްކައި ވަނީ ޚަލާސްކޮށްފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދައުލަތަށް ޑޮލަރުން ވަންނަ އާމްދަނީ ވެސް މިދިޔަ މަހު ވަނީ ދަށްވެފަ އެވެ. 

ރާއްޖޭގެ ރިޒާވުން މިހާރު އެންމެ ބޮޑު އަދަދެއް ހޭދަކުރަނީ ދަރަނި އަދާކުރުމަށާއި ތެޔޮ އެތެރެ ކުރުމަށެވެ. މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދައުލަތުން ތެލަށް ކުރާ ހަރަދު ރެކޯޑު އަދަދަކަށް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު