ދުންފަތާ ދެކޮޅަށް ފަސް އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.
މި ކެމްޕެއިން އިފްތިތާހުކުރީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ މިއީ ފަސް އަހަރުގެ ކެމްޕޭނެއް ކަމަށެވެ.
"ކުރިއަށް މި އޮތް ފަސް އަހަރު ދުވަހަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ކުރުމަށްޓަކައި ގައުމީ ކެމްޕޭނެއް މިއަދު ލޯންޗް ކުރެވިގެން މި ގެންދަނީ. ފަސް އަހަރަށް މި ކެމްޕެއިން ރޭވިފައި މިވަނީ ކުރުމުއްދަތެއްގައި ނަތީޖާ ހާސިލްކުރެވޭނެ ކަހަލަ ކަމެއް ނޫން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ،" ގީލާ ވިދާޅުވި އެވެ.
އެހެންވެ މި ކެމްޕޭނަށް ސަރުކާރާއި ރައްޔިތުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުން މުހިންމު ކަމަށް ގީލާ ވިދާޅުވި އެވެ.ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތްތައް ދެމެހެއްޓިނިވި ގޮތެއް ކުރިއަށް ގެންދިއުމަށްޓަކައި ގައުމީ ކެމްޕެއިނަކީ މުހިންމު ހަރަކާތަކަށް ވާނެ ކަމަށެވެ.
ރާފިއު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް އެ ކެމްޕެއިންގެ ތެރެއިން ކުރާ މަސައްކަތުގައި ކްލަބް ޖަމިއްޔާތައް ބާރުވެރިކުރުވުމުގެ ހާއްސަ އިނާޔަތްތަކާއި އެވޯޑްތައް ދިނުމަށް ވެސް ހިމަނާފައިވާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ ޔޫތު ލީޑާޝިޕް ޕްރޮގްރާމްތައް ހިންގުމާއި ޔޫތު އެމްބެސެޑަރުން ހޮވުމާއި ޒުވާނުންގެ އިސްނެގުމާ އެކު އެޑްވޮކަސީ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެޑިއުކޭޝަން މިނިސްޓަރު ޝަފީއު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވޭޕް މަނާކުރުމަށާއި ޖެނެރޭޝަނަލް ބޭން ގެނައުމަށް ސަރުކާރުން ނިންމި ނިންމުން ބެލެނިވެރިން ވަރަށް ބޮޑަށް ބަލައިގަތް ކަމަށެވެ. އަދި ސަރުކާރުން އެ ނިންމުންތައް ނިންމީ ވެސް މުޖުތަމައުގެ ބައިވެރިވުން އެކަމަށް ވަރަށް ބޮޑަށް ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަޅުގަނޑުމެން މިހާރު ކުރިއަށް ގެންދާ ބިންގާ ޕްރޮގްރާމްގެ ތެރެއަށް މި ބައި [ދުންފަތާ ދެކޮޅު ގައުމީ ކެމްޕެއިން] އިންޓަގްރޭޓް ކުރަން އަޅުގަނޑުމެން މިހާރު ވަނީ ނިންމައިފައި،" އޭނާ ވިދާޅުވި އެވެ.
ދުންފަތުގެ ނުރައްކަލާއި އެކަމުން ލިބޭ ސިއްހީ ގެއްލުމާއި އިގުތިސާދީ ގޮތުން އާއިލާތަކަށް ލިބޭ ގެއްލުން ވެސް ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔައިދީ، އެ ކުދިންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް އެ ކެމްޕެއިންގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.