
ފިޗުން އިއްޔެ ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ'އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ 'ސީސީސީ މައިނަސް'އަށް މަތިކޮށްފަ އެވެ.ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކުރީ، ޖޫން 2024 ވަނަ އަހަރު 'ސީސީސީ ޕްލަސް' ރޭޓިންގައި އޮއްވައި، އެ އަހަރުގެ އޮގަސްޓު މަހެވެ. އޭގެ ފަހުން 2025ގައި ވެސް 'ސީސީ'ގައި ރޭޓިން ވަނީ ދަމަހައްޓައިފަ އެވެ.ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ފިޗް ރޭޓިން އިން ކުޑަތަންކޮޅެއް މައްޗަށް ޖެހިލުމަކީ އިގްތިސާދުގައި މާ ވަރުގަދަ ހަކަތައެއް ހުރުން ނޫން ކަމަށާއި މިއީ ވަގުތީ ހައްލެއް ކަމަށެވެ. އަދި މިއަހަރު ނިމޭއިރު ފިޗު ރޭޓިން އަނެއްކާވެސް ފަހަތަށް ސޮއްސާނުލާނެ ކަމެއް ވެސް ނޭނގޭ ކަމަށާއި ރާއްޖޭގައި އަދިވެސް އޮތީ ބޯވަތަށް އޮތް އިގްތިސާދެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ."މި ފިޗް ރޭޓިންގް ކުޑަކުޑަ ތަންކޮޅެއް ޖެހިލުމަކީ ވަގުތީ ކަމެއް. އެއީ އިގްތިސާދު ބިނާވެފައިހުރި މައިގަނޑު ކަންކަމަކަށް ރަނގަޅު ބަދަލެއް އައީކީ ނޫން. މިވަގުތަށް ކުރީގައި އޮތް ދަރަނި ދެއްކިދާނެ ނުދެއްކިދާނެ މިންވަރަށްވުރެ ކުޑަކުޑަ ތަންކޮޅެއް ރޫފަ ޖެހެލީ، އެކަމަކު އޭގެ މާނައަކީ އިގްތިސާދު ރަނގަޅުވެގެން އުޅެނީއެކީ އެއް ނޫން" ޔާމީން ވިދާޅުވި އެވެ.ފިޗް ރޭޓިން ހަދަން ފެށީ ޔާމީންގެ ސަރުކާރުގައި 2017ގައިކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެއީ ދުނިޔޭގެ ގައުމުތަކުގެ ސަފުގައި ރާއްޖެ ވެސް ހިނގަން ޖެހޭތީ ކުރަން ފެށި ކަމެއް ކަމަށެވެ. އެފަދަ ރޭޓިންއެއް ނެތް ނަމަ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ނުލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.އެ ރޭޓިން ހެދުމުން، ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލު ދައްކުވައިދޭނެ ކަމަށާއި އެއާއެކު އިންވެސްޓަރުންނަށް ރާއްޖެއާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި، ރޭޓިން މަތިވުމުން ލޯންތައް ލިބި، ވޯލްޑް ބޭންކް ފަދަ އިދާރާތަކަށް ވުރެ އަވަހަށް ލޯނުތައް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.