ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗުން މަތިކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ފިޗުން ކްރެޑިޓް ރޭޓިންއެއް ދީފި އެވެ.
ފިޗުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ހުރީ ވަރުގަދަކޮށެވެ.ބީއެމްއެލްއިން ބުނި ގޮތުގައި މި ރޭޓިންގް ދީފައިވަނީ މިިދިޔަ އޭޕްރީލްގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައުލަތުން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. އަދި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަ އިސްލާހުތަކާއި ފޮރިން ކަރަންސީއާ ބެހޭ ގާނޫނު ތަންފީޒުކުރުމަކީ ވެސް ރާއްޖޭގެ ރޭޓިންގް މަތިވުމަށް ބާރުއެޅި ކަންކަން ކަމުގައި ފިޗުން ފާހަގަކޮށްފައިވެ އެވެ.ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މި ރޭޓިންގްއަކީ ބޭންކުން މާކެޓުގައި ހޯދާފައިވާ ކުރިއެރުމާއި، ބޭންކުގެ ރައުސުލްމާލުގެ ވަރުގަދަކަމާއި، މާލީ ގޮތުން ދައްކަމުންދާ ހަރުދަނާ ނަތީޖާގެ ރަނގަޅު ހެއްކެއް ކަމަށެވެ."މި ވަޒަންކުރުމަކީ ބޭންކުގެ އަމިއްލަ ގާބިލުކަމުގައި ކެޕިޓަލް އުފެއްދުމުގެ ބާރާއި ހަރުދަނާ ކުރިއެރުމެއް ހޯދުމަށް ކުރާ މަސައްކަތުގެ ހެއްކެއް. ހާއްސަކޮށް، ކުޑަ ޖަޒީރާ ގައުމެއްގައި އިގްތިސާދީ ގޮންޖެހުންތަކާ އެކު ވެސް އަޅުގަނޑުމެން ދަމަހައްޓަމުން އަންނަ ސާބިތުކަން މިއިން ދޭހަކޮށްދޭ،" އޭނާ ވިދާޅުވި އެވެ.
ބީއެމްްއެލްގެ ރޭޓިން ވަރުގަދަވުމުގެ އެއް ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވަނީ އެ ބޭންކުގެ ރައުސްމާލު ވަރުގަދަވުމެވެ. މިއީ ބޭންކުގެ އަމިއްލަ ހިންގުމުގެ ތެރެއިން ރައުސްމާލު އިތުރުކުރުމުގެ ގާބިލުކަމާއި ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކާއި ގައުމުގެ އިގުތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުން ވެސް މާލީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދޭ ކަމެކެވެ.
ރާއްޖެ އިން އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅަމުން އަންނައިރު، ބީއެމްއެލްގެ މި ރޭޓިން އިން އެނގެނީ މާލީ ހަމަޖެހުން ދެމެހެއްޓުމަށާއި ދިގު މުއްދަތުގެ އިގުތިސާދީ ކުރިއެރުމަށް ގައުމީ ބޭންކެއްގެ ދައުރު މުހިންމުކަން ކަމަށް އެ ބޭންކުން ފާހަގަކުރި އެވެ.