
މި ދަތުރުފުޅުގައި އައްޑޫގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ތާއީދު ހޯއްދެވުމަށް ޝާހިދު މަސައްކަތްކުރައްވާނެ ކަމަށް އަރިސް ބޭފުޅުން ވިދާޅުވިއެވެ.ފާއިތުވި ޖުލައި މަހުން ފެށިގެން ޝާހިދު ގެންދަވަނީ ޕާޓީގެ އެކި ގޮފިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.ޢަބްދުﷲ ޝާހިދަކީ 2021 އިން 2022 އަށް އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަން ކުރައްވައި، އެ މަގާމަށް އިންތިޚާބުވި ފުރަތަމަ ދިވެއްސަށްވުމުގެ ޝަރަފު ހޯއްދަވާފަ އެވެ. 40 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ޝާހިދުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފަ އެވެ. ޝާހިދަކީ ބައިނަލްއަޤްވާމީ ޑިޕްލޮމަސީއާއި، ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާއި، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.