
އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.ރައީސްގެ މެސެޖުގައި އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ މަތިވެރި މަސައްކަތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދެމި ތިއްބެވި ހުރިހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާ ރާއްޖެއާ ދިވެހީން ތިބީ އެ މީހުންނާއެކުގައި ކަމުގައި ވިދާޅުވި އެވެ. އަދި އެފަދަ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ނުރައްކަލުގެ ތެރޭގައި އިންސާނިއްޔަތު އިސްކޮށްގެން ކަމުގައި ފާހަގަ ކުރެއްވި އެވެ.ރައީސްގެ މެސެޖުގައި ހަމަނުޖެހުންތަކާއި ގުޅިގެންނާއި މޫސުމީ އެކި ކާރިސާތަކާއި ގުޅިގެން ގެދޮރާއި ވަޒަން ދޫކޮށް ދާންޖެހޭ މީހުންނާއި ހަނގުރާމައާ ގުޅިގެން ބަނޑުހައިހޫނުކަމާއި ދަތީގައި ދިރިއުޅެން ޖެހޭ މީހުންގެ އަދަދު އިތުރުވެ އިންސާނީ އެހީތެރިކަން ބޭނުންވާ މިންވަރު ބޮޑުވަމުންދާ ކަމުގައި ވިދާޅުވި އެވެ.ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަސް ފާހަގަކުރަނީ އިންސާނީ ހިދުމަތުގައި ދެމިތިއްބާ މަރުވި ނުވަތަ އަނިޔާވި ފަރާތްތަކުގެ ޒިކުރާ އާކޮށް އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މީގެ އިތުރުން، މި ދުވަސް ފާހަގަކުރުމުގެ އަނެއް ބޭނުމަކީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ކަންކަމަށް ދުނިޔޭގެ ސަމާލުކަން އިތުރުކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވާ ކާރިސާތަކުގައި އާންމު ރައްޔިތުންނާއި އެހީދޭ މުވައްޒަފުންގެ ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރުކުރުމަށް ވަކާލާތުކުރުމެވެ.