ޚަބަރު
އެސްޑީއެފްއަށް 1.3 ބިލިޔަން ރުފިޔާ ޖަމާކޮށްފި
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މި އަހަރު 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން ، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ 13 ގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފަށް މުޅި ޖުމްލަ 1.3 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.

މި މުއްދަތުގައި ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ މިހާތަނަށް ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 9.7 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ދެއްކުމަށް ހަރަދުކުރި އަދަދާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކޮށްފައިވަނީ، 3.9 ބިލިޔަން ރުފިޔާ އެވެ.

ސަރުކާރުން މި އަހަރު ދެއްކި 500 މިލިޔަން ޑޮލަރުގެ ލޯނު ދެއްކީވެސް އެސްޑީއެފުންނެވެ.

ސޮވެރިން ފަންޑަކީ، ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަންކަމަށް އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިގްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ. މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު