ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ޑޮލަރު މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ދިރާސާކޮށް، ބަލަން ޖެހޭ ކަންކަން ބަލައިގެން އަޅާ ފިޔަވަޅުތަކެއް ކަމަށާއި އެ ފިޔަވަޅުތަކުން ނަތީޖާ ރަނގަޅުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ދިރާސާތަކާއި މަޝްވަރާތަކަށްފަހު އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ.
ޑޮލަރު މައްސަލައިގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ސިޔާސީ ބޭފުޅުން އެކި ގޮތްގޮތަށް ވާހަކަ ދެއްކި ނަމަވެސް އިގުތިސޯދީ ހާލަތު ރަނގަޅުކޮށް ބޭރުފައިސާގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދަނީ އަޅަންޖެހޭ ފިޔަވަޅުތަކެއްކަން އާންމު ރައްޔިތުން ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ފާހަގަ ކުރެއްވި ގޮތުގައި، މި ފިޔަވަޅުތައް އެޅުމަށްޓަކައި ސަރުކާރުގެ ޓީމްތަކުގައި ތިބީ "ތައުލީމީ ގޮތުނާއި ފަންނީ ގޮތުން އަދި ތަޖުރިބާގެ ގޮތުން ވެސް ރަނގަޅު ބޭފުޅުން"ނެވެ."ހަމަ ވަރަށް ރަނގަޅު ޕްރޮސެސްއެއްގެ ތެރެއިން ގޮސް މި އިސްލާހުތައް މި ހުށަހަޅަނީ. އަދި ގެންނަ ބަދަލުތައް ވެސް މި ގެންނަނީ. ބޭރު ފައިސާގެ މައްސަލައިގައި ވެސް މި ގެންނަ އިސްލާހުތައް ގެނައުމުގައި މި ހުރިހާ ކަމެއް މިގޮތަށް ބަލާފައި މި ވަނީ،" ސަރުކާރުގެ ފިޔަވަޅުތައް ދިފާއު ކުރައްވައި ރައީސް ވިދާޅުވި އެވެ."ހަމަ ޔަގީނުން ވެސް އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި [ނުވަތަ] އިގްތިސާދު ފުޅާކުރުމަށްޓަކައި ސިޔާސަތުތަކެއް ގެނެސް ތަންފީޒު ކުރި ސަރުކާރެއް އަޅުގަނޑަކަށް ހިއެއް ނުވޭ އޮތްހެނެއް."މި ހަފްތާގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި ބޭރު ފައިސާ މާރުކުރާ ހަތް ތަނެއް ބެލިއިރު، މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ތަންތަނުން ކަޅު ބާޒާރުގައި 77 މިލިއަން ޑޮލަރު ވިއްކާފައިވާކަން އެނގެ އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، ހުއްދަ ނުނަގާ ބޭރު ފައިސާ މާރުކުރާ ތަންތަނަކީ ރާއްޖެ އަށް އެއްވެސް ގޮތަކަށް ޑޮލަރު އެތެރެކުރާ ނުވަތަ ޑޮލަރުން އާމްދަނީ ލިބޭ ހިދުމަތެއް ވެސް ދޭ ތަންތަން ނޫންކަން މިހާތަނަށް ބެލިބެލުމުން އެނގެ އެވެ. އެހެންވެ، އެ މީހުންނަށް ޑޮލަރު ދެނީ ކޮން ބައެއްތޯ ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ރިސޯޓުތަކުން ކަޅުބާޒާރަށް މާރުކޮށްފައި ހުރި އަދަދުތަކަކީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބޭރު ފައިސާ މާރުކުރަން ހަދާފައި އޮންނަ އުސޫލުގެ ދަށުން ބޭންކުތަކަށް މާރުކުރަން ޖެހޭ 20 ޕަސެންޓަށް ވުރެ ވެސް ބޮޑެތި އަދަދުތަކެއް ކަމަށެވެ.
އެހެންވެ އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން ވަނީ ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފަ އެވެ.
ބިލްގައިވާ ގޮތުން ބޭރު ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރުން ފަށަން ޖެހޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ގާނޫނަށް މި ބަދަލު ގެންނަން ފާސްކޮށްފައި މި ވަނީ ރިސޯޓުތަކުން ދޭ ހިދުމަތްތަކާއި އެހެން ކަންކަމަށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭތީ، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނެފައި ވަނިކޮށެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫނެވެ.