ޚަބަރު
ރާއްޖޭން ތެޔޮ ހޯދުމުގެ މަސައްކަތަށް ޕެޓްރޯނަސްގެ އެހީއަށް އެދިއްޖެ
ރާއްޖޭގެ ސަރަޙައްދުގައި ތެލާއި މައުދަން ހުރިތޯ ބެލުމުގެ ދިރާސާތައް ކުރުމަށް މެލޭޝިއާގެ މަޝްހޫރު ތެޔޮ ކުންފުނި ޕެޓްރޯނަސްގެ އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމާ އެކު މިއަދު ވަނީ ރަސްމީ މަޝްވަރާތައް ބާއްވަވައިފަ އެވެ.

އެ މަޝްވަރާތަކަށް ފަހު ދެއްވި ޕްރެސް ސްޓޭޓުމެންޓުގައި މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖޭގައި ތެލާއި މައުދަން ހުރިތޯ ބެލުމަށް ކުރާ ދިރާސާތަކުގައި ޕެޓްރޯނަސްގެ އެހީތެރިކަން ހޯދުމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ކަމަށެވެ.

އެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން އަންވަރު ވިދާޅުވީ ޕެޓްރޯނަސް ކުންފުންޏާ އެކު މަޝްވަރާކުރައްވާނެ ކަމަށާއި މިހާރު ވެސް އެ ކުންފުނިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކެނެޑާ އާއި ތުރުކުމެނިސްތާން، ސޫދާން، ޕެރޫ އަދި ބްރެޒިލް ފަދަ ގައުމުތަކުގައި ޕެޓްރޯނަސްގެ މަސައްކަތްތައް ކުރިއަށްދޭ. އެ ގައުމުތަކާ އަޅާބަލާއިރު މެލޭޝިއާއާ ކައިރީގައި އޮތް ގައުމެއް ރާއްޖެއަކީ. އެހެންވީމާ ރާއްޖެ ފަދަ ކައިރި ގައުމެއްގައި މަސައްކަތް ކުރަން އެ ކުންފުންޏަށް މާ ބޮޑު ދައްޗަކަށް ވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އަންވަރު ވިދާޅުވި އެވެ.

ރާއްޖޭގައި ތެޔޮ ހުރިތޯ ދެނެގަތުމުގެ މަސައްކަތް ފުރަތަމަ ފެށީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ވެރިކަމުގައި 2014އަހަރުގެ ތެރޭގަ އެވެ. އެއިރު އެ ސަރުކާރުން އެ މަސައްކަތަށް ޗައިނާގެ އެހީ ހޯދަން އެ ގައުމާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ.

އެއިރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެޔޮ ފެންނާނެ ކަމުގެ ނިޝާންތައް ވަރަށް ބޮޑަށް ފެނިފައިވެއެވެ. ނަަމަވެސް އެކަން ޔަގީން ކުރަން ދިރާސާތައް ކުރަން ޖެހޭ ކަމަށް ވެސް ޝައިނީ ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު