އަބްދުﷲ މައުރޫފް
25 ސެޕްޓެމްބަރ 2026 - 00:15
0 comments
ޗައިނާގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ޗައިނާއާއި ރާއްޖޭގެ ގުޅުން ވަރަށް ސާފު ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަަށް ވާސިލުވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހަފްލާގައި ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުމާއި، ރާއްޖޭގެ ތަރައްގީގައި ޗައިނާގެ ހިއްސާއަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ހާރިޖީ ބަޔާންތަކަކުން ފެންނަން އޮތް ގުޅުމެއް ނޫން ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމުން އިހްސާސްކުރެވޭ، ލޮލަށް ފެންނަ އަދި އަތުން ހިފޭ ގޮތަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.ރައީސް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ގުޅުމުގެ ބިންގަލަކީ ދެ ފަރާތުގެ އިހްތިރާމާއި ސިއާދަތީ ހަމަހަމަކަމާއި ސުލްހަވެރިކަމާ އެކު އުޅުމާ އަދި 'ވަން ޗައިނާ' އުސޫލަށް ރާއްޖެއިން ދޭ ސާބިތު އެއްބާރުލުމެވެ. މިއަދު އެ ތާރީހީ އެކުވެރިކަން ވަނީ ފުޅާ އަދި މުސްތަގުބަލަށް އަމާޒު ހިފާފައިވާ ބައިވެރިވުމަކަށް ބަދަލުވެފައިކަން ރައީސް ފާހަގަ ކުރެއްވި އެވެ."ދިވެހި ރައްޔިތުންނަށް ޗައިނާއާ އެކު އޮތް އެކުވެރިކަމަކީ ހަމައެކަނި ހާރިޖީ ލިޔުންތަކުން އެކަނި އޮތް ކަމެއް ނޫން. އެއީ ލޮލަށް ފެންނަން އޮތް، އަތުން ހިފޭ އަދި ރައްޔިތުންގެ ދެމެހެއްޓެނިވި ދިރިއުޅުމާ ގުޅިފައިވާ ކަމެއް،" ޗައިނާއިން ރާއްޖެއަށް ކޮށްދެމުން އަންނަ އަދި ކޮށްދީފައިވާ ބައެއް ކަންކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.މީގެއިތުރުން، ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ތިމާވެށީގެ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އެއްވެސް ގައުމަކަށް އެކަނި އަދުގެ ގޮންޖެހުންތަކާ ކުރިމަތިނުލެވޭނެ ކަމަށާއި، ބައިބައިވުމުގެ ބަދަލުގައި އެއްބާރުލުން އިސްކުރަންޖެހޭ ކަމަށެވެ.
އަދި ރާއްޖެއިން "ވަން ޗައިނާ ޕްރިންސިޕަލް" އަށް ސާބިތުކަމާއެކު ތާއީދުކުރާކަން ތަކުރާރު ކުރައްވަމުން، ދެ ގައުމުގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭން އުންމީދުކުރާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.