
ރޭ އެމްޑީޕީގެ 5 ވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މިއަދުގެ ދަތި ހާލަތު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފުދުންތެރިކަމާއި ގުޅޭނެ ސިޔާސަތު، ރައްޔިތުންގެ ވިންދު ބަލާ، ރައްޔިތުންގެ އަޑުއަހާގެން ކަމަށާއި ރައްޔިތު މީހާގެ ސީދާ ހާލަތު އަބަދުވެސް ވަޒަންކުރާ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ކަމަށެވެ."ރައްޔިތަކަށް އިތުރު ފައިސާފޮއްޗެއް އިތުރުކޮށްދިން ހަމައެކަނި ޕާޓީއަކީ މި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. ކަމެއް ކުރެވޭނީ ކަމެއް ކުރި ޕާޓީއަކީވެސް އަޅުގަނޑުމެންގެ މި ޕާޓީ" ޝާހިދު ވިދާޅުވި އެވެ.ޝާހިދު ވިދާޅުވީ މި ސަރުކާރުގައި ޓްރާންސްޕޭރެންސީ އާއި ގުޑް ގަވަރނަންސްގެ ކަންފުޅެއް ވެސް ނެތުމުގެ ސަބަބުން، އެ އެގްރީމެންޓުގައި އޮތީ ކޮން އެއްޗެއްކަން އެނގޭ ހަމަ އެކަކު ވެސް ނެތް ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް ޖެހެނީ 'ސްޕެކިއުލޭޓް' ކުރަން ކަމަށާއި، އޭގެ ހިތި ނަތީޖާއަކަށް ވާނީ އެކުވެރި ދައުލަތްތަކާއެކު އޮންނަ ގުޅުން ހީނަރުވުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.މީގެ އިތުރުން ޝާހިދު ވަނީ ރަސްމާލެ އެގްރީމެންޓް ހާމަކުރުމަށް ވެސް ގޮވާލައްވާފަ އެވެ."ދިން ގޮތް ވެސް އެގްރިމެންޓް ވެސް އޮޅުވާލީ. ކުރިން ހަނދުމަފުޅު ހުންނާނެ އަޅުގަނޑުމެންގެ ތެރެއަށް ގެނެސްދެއްވި ވޮއިޑް އަބް އިނީޝިއޯ ކިޔާ ލަފުޒެއް. މިއީ އޭގެ އެއްމާބަނޑު ދެބޭން."މިފަދަ ސިއްރު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ބޭރުގެ ގުޅުންތަކަށް ބުރޫއަރައި، އިގުތިސާދީ ގޮތުން ނިކަމެތިކަން ލިބޭނެ ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ "ޑިޕްލޮމެޓިކް ހާލަތެއްގެ ހަތަރު އަނގޮޅިއަކަށް ދިވެހިން ގެންދާ ހިނދުކޮޅަކަށް" ވުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވާއިރު، ބައިނަލްއަގުވާމީ ގުޅުންތައް ކެނޑުމަކީ އިގުތިސާދަށް ތަހައްމަލު ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވޭނީ އަވަށްޓެރިންނާ ގާތް ގުޅުމެއް ބާއްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.