ރިޕޯޓް
ބުނި ބަސް - ކުށްވެރިން ދޫކޮށްލައިގެން ޤައުމު ތަރައްޤީއެއް ނުކުރެވޭނެ: ރައީސް ޔާމީން
ދުވަސް ގަޑަކަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ދަރުބާރުގެއަށް ވަޑައިގެންނެވި އެވެ. ދުނިޔޭގައި ހަލުއިކަމާ އެކު މިހާރު ފެތުރޭ ކޮވިޑް-19އާ ގުޅޭ ގޮތުން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ )ގައި ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި އިދިކޮޅު ފަރާތްތަކުގެ ލަފަ އާއި މަޝްވަރާ ހޯއްދަވަންތޯ ޗެނަލް 13 ގެ ނޫސްވެރިއަކު ރައީސްއަށް ސުވާލު ކުރެއްވި އެވެ. 

ޖަވާބުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.


ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ޢަމަލުކުރާނެ ގޮތުގެ އެންމެ އިސްބަސްވެސް އަދި ފަހުބަސްވެސް ވިދާޅުވާނީ ރާއްޖޭގެޞިއްޙީ ދާއިރާގެ ފަރާތްތައް، އަދި ސަރުކާރުން ކުރާނީ އެބޭފުޅުންގެ އިރުޝާދުތައް ތަންފީޒު ކުރުމަށް މަގުފަހުކޮށްދިނުން ކުރާ މަސައްކަތް ކަމަށެވެ.


"މިކަމުގައި އެންމެ އިސްބަސްވެސް އަދި އެންމެ ފަހު ބަސްވެސް ބުނާނީ ސިއްހީ ތަޖުރިބާކާރުން. ސަރުކާރުން ކުރާނެ ކަމަކީ، އެބޭފުޅުންގެ އިރުޝާދުތައް ތަންފީޒު ކުރުމަށް މަގުފަހުކޮށްދިނުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.


އެކަމަކު ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅު ލީޑަރުންނާ އެމަނިކުފާނު ވާހަކަފުޅު ދައްކަވަ އެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވެސް އެމަނިކުފާނާ ފޯނުން ގުޅުއްވާ ކަމަށް ވިދާޅުވި އެވެ.


"ދެން އިދިކޮޅު ފަރާތްތަކާ ފޯނުން އަޅުގަނޑަށް ގުޅޭ. އިދިކޮޅު ފަރާތްތަކުން ދޭތެރެއަކުން ގުޅަމުން ދޭ. އެކަމަކު މިދޭތެރެއިން [ޕީއެންސީގެ ރައީސް] އަބްދުއްރަހީމް ކުރެއްވި ދެ ކޯލެއް އަޅުގަނޑަށް ނުނެގި ދިޔަ،" ރައީސް ވިދާޅުވި އެވެ.


އިދިކޮޅީ ޕީޕީއެމް/ޕީއެންސީގެ ހަބަރުތައް ޝައުގުވެރިކަމާއިއެކު ގެނެސްދޭ ޓީވީ ޝްޓޭޝަންގެ ނޫސްވެރިޔާ އިތުރު ސުވާލެއްވެސް ކުރެއްވި އެވެ. ދެވަނަ ސުވާލު އަމާޒުކުރެއްވީ ޗެނަލް 13 ގެ ބެލުންތެރިންގެ ސީދާ އިހްސާސްތައް ރަގަޅަށް ދެނެ ހުންނަވައެވެ. މިފަހަރު ސުވާލު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުން މިނިވަން ކުރުމާ ގުޅޭގޮތުންނެވެ.

ޖަވާބުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.


ޖަލުގައި ތިބި ގައިދީންނަށް މައާފްދޭނެ އުސޫލުތައް ގާނޫނުގައި ވަނީ ބަޔާންކޮށްފައި ކަމަށާއި ޖަލުގައި ތިބި ގައިދީންނަށް މައާފްދޭނީ އެ އުސޫލުގެ ތެރެއިން ކަމަށެވެ.


"ޖަލުގައި ތިބި ފަރާތްތަކާއި ޖަލުގައި ތިއްބެވި ފަރާތްތަކަށް މައާފު ދިނުމުގެ އިހްތިޔާރު މި އޮންނަނީ ގާނޫނުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ހަމަޖެހިފައި. އެގޮތުގެ މަތިން އަޅުގަނޑު އަމަލުކުރަމުން މި ގެންދަނީ. ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް،" ރައީސް ވިދާޅުވި އެވެ.


ކޮރޯނާ ވައިރަހާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމާ ވިސްނުމަކަށްވެސް ވާނީ މިހާރު މިއޮތް ހާލަތުން ރާއްޖެ އަރައިގަތުމެވެ. ކޮވިޑް-19 އާއި ހެދި ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ މާހައުލެއް އޮވެ އެ އިންތިހާބުން ސަރުކާރު ބަލިކުރާނެ ކަމަށް ވިދާޅުވާ ވާހަކައިގެ އަސްލަކަށް ރުޖޫއަ ވާށެވެ. އިދިކޮޅުން މިފަހުން މިދާޅުވަނީ ކޮވިޑް-19 ރާއްޖޭން ފެނިފައި ވާތީ މިއީ އެންމެން އެއްބައިވަންތަ ވާންވީ ވަގުތު ކަމަށާއި އެކަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. މިސާލަކަށް ޖައްސަވަނީ ދުނިޔޭގެ ބައެއް ގައުމުތަކުން ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޖަލުގައި ބަންދުކޮށްފައިވާ ކުށްވެރިން ދޫކުރާ ވާހަކަ އެވެ. 

ތެދެކެވެ. ސަތާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ވެސް ވަނީ ހަ މަހަށް ޖަލުން މިނިވަންކޮށްފަ އެވެ. 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖަލު ހުކުމް ތަންފީޒު ކުރައްވަން ފެއްޓެވި ޚާލިދާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދެ ދައުވާއެއް ސާބިތުވެފަ އެވެ. އެ ދެ ދައުވާވެސް ގުޅިފައި ވަނީ ކުޑަކުދިންނަށް އެހީތެރިވެދޭ ދެ ފަންޑަކަށް ހަދިޔާކޮށްފައިވާ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ އެވެ. މިހާރު ކުރީގެ ރައީސް ޔާމީން މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން އެ ގެންދަވަނީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑާ ކުރެއްވި މައްސަލާގަ އެވެ.  

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަކީ އެމަނިކުފާނުގެ ވެރިކަމުގައި ގިނަ ސިޔާސީ ބޭފުޅުން ބަންދު ކޮށްގެން ގެންގުޅުއްވި ބޭފުޅެކެވެ. އެދުވަހު ޖަލުގައި ތިއްބެވި ބޭފުޅުންނަށް ތާއީދުކުރާ މީހުން ބުނަމުން ދިޔައީ "ސިޔާސީ ކުށްވެރިން" ޖަލުން މިނިވަން ކޮށްދިނުމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން ޤައުމު ތަރައްޤީ ކުރުމުގައި މަސައްކަތް ކުރުމަށް ރައީސް ޔާމީން އަށް ދިޔައީ އިލްތިމާސް ކުރަމުންނެވެ. 

މިއަދު ވެރިކަމުގައި ތިއްބެވި އެ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރެއްވި އިލްތިމާސް ތަކަށް ރައީސް ޔާމީން ހދ.ނޮޅިވަރަމް އަށް ކުރެއްވި ދަތުރުފުޅެއްގައި ދެއްވި ޖަވާބު ނުވަތަ "ބުނި ބަސް" މިއަދު އަޅުގަނޑުގެ ސިޔާސީ ހަދާންތަކުގެ ހިތުގައި ޓަކި ދީފިއެވެ.

ހދ.ނޮޅިވަރަމްގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމުން ފާހަގަކުރުމަށް 2018 ޖުލައި 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ، ބޮޑެތި ކުށްވެރިން މުޖުތަމައުގެތެރެއަށް ދޫކުރާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު، އެއީ ރައްޔިތުން އެންމެ ބޭނުންވާނެގޮތް ނޫންކަމަށާއި ކުށްވެރިންގެ ހައްޤުތަކެއްވާ ފަދައިން މުޖުތަމައުގައި އުޅޭ މައުސޫމް މީހުންގެވެސް ހައްގުތަކެއް އޮންނަކަން ޤަބޫލުކުރަންޖެހޭކަމަށެވެ. އަދި ޤައުމު ތަރައްޤީ ކުރެވޭނީ ހަމަޖެހުމުގެ ތެރެއިން ކަމަށާއި ކުށްވެރިން ދޫކޮށްލައި މަސްލަހަތު ނަގާލައިގެން ޤައުމު ތަރައްޤީ ނުކުރެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.


"އަދަބު ދެނީ އެކަންނުކޮށް ވާނެގޮތެއް ނެތުމުން ތަރުބިއްޔަތު ކުރުމަށް. ރަށްރަށުގައި ބޮޑެތި މުޖުރިމުން ގިނަވުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން. ކުށްވެރިންތަކެއް ދޫކޮށްގެން މުޖުތަމައަށް އަންނަ ސިޔާސީ ނުރައްކަލަށް ވުރެ ބޮޑަށް ރައްޔިތުން ބޭނުންވާނީ ތަރައްޤީ" ރައީސް ޔާމީން ވިދާޅުވިއެވެ.


ތެދެކެވެ. ކުށްވެރިންތަކެއް ދޫކޮށްލުމަށްފަހު އެމީހުން އިސްވެ ތިބެ ކުރާކަމަކުން ޤައުމުގެ ސިޔާސީ ހަމަޖެހުން ނަގާލައިގެން ޤައުމު ތަރައްޤީ ނުވާނެ އެވެ. ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރެއް ނުމެވާނެ އެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ވިދާޅުވި ގޮތަށް ކުށްވެރިން މުޖުތަމަޢަށް ދޫކޮށްލަން ޢާއްމު ރައްޔިތުންވެސް ބޭނުންނުވާއިރު މިއަދު ނޫސްވެރިން އަދި ހާއްސަކޮށް ރައީސް ޔާމީންގެ ފިކުރު ދިވެހި ރާއްޖޭގައި ދިރުވަން އުޅޭ މީހުން ވެސް ކުށްވެރިން މިނިވަން ކުރުމުގައި ރައީސް ޔާމީންގެ ވިސްނުންފުޅާ އެއްގޮތައް އަމަލުތައް ބެހެއްޓުން ބުއްދި ވެރިވެފައި މޮޅު އިތުރެވެ.

ކިޔުންތެރިންގެ ޝުއޫރު
58%
25%
17%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު