ޚަބަރު
ޓީސީ ޓީމު ރާއްޖެ ގެނެސްފި
ސްރީލަންކާގައި ތާށިވެފައި ތިބި ޓީސީ ސްޕޯޓްސް ކްލަބު އެނބުރި ރާއްޖެ ގެނެސްފިއެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްއާއެކު ކުޅުނު މެޗަށް ފަހު ރާއްޖެ ނާދެވި ޓީސީގެ ކުޅުންތެރިން ތިބީ ސްރީ ލަންކާގައި ތާށިވެފަ އެވެ. އެ ގައުމު ވެސް ބަންދުކޮށް ކާފިއު އިއުލާނު ކޮށްފައިވާއިރު ދަތުރުފަތުރު އޮތީ ހުއްޓާލާފަ އެވެ.

ނަމަވެސް މިރޭ ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓްގައި ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރާއްޖެ ގެނެސްފަ އެވެ. އެނގިފައިވާ ގޮތުގައި އެ ކުޅުންތެރިން ރާއްޖެ ގެނެސްފައިވަނީ ޔޫތު މިނިސްޓްރީގެ ހަރަދުގަ އެވެ. ޓީސީ ހޮޓެލްގައި ތިބުމާއި ކެއުމުގެ ހަރަދުތައް ބަލަހައްޓާފައިވަނީ ޔޫތު މިނިސްޓްރީންނެވެ.

ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ރާއްޖެ ގެނެސްފައި ވަނީ އެ ކުޅުންތެރިން ވަކި ފްލައިޓެއްގައި ރާއްޖެ ގެންނަން ޔޫތު މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ.




ޓީސީގެ ކުޅުންތެރިން ރާއްޖެ ގެނެސްފައިމިވަނީ މޯލްޑިވިއަންގެ ފަރާތުން ދިވެހިން ބަލާ، ލަންކާއަށް ދެ ފްލައިޓް މިއަދު ގޮސްފައިވަނިކޮށެވެ. އެއީ 50 ޝީޓްގެ ދެ ފްލައިޓެވެ. ނަމަވެސް ލަންކާއިން ރާއްޖެ އަންނަން ބޭނުންވެފައިވާ އެތައް ބަަޔަކު އެ ގައުމުގައި އެބަ ތިއްބެވެ. ޝީޓްތައް ބުކް ކުރުމަށް ހުޅުވާލުން ހަތަރު ގަޑިއިރުގެ ތެރޭގައި ފުލްވެފައިވާ ކަަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، ރާއްޖޭގެ ފުޓްބޯޅަ ހަރަކާތްތައް ވެސް ވަނީ ހުއްޓާލައިފަ އެވެ. ޓީމުތަކުގެ ޓްރެއިނިން ވެސް މި ދުވަސްވަރު ކުރިއަށް ނުދެ އެވެ. އަދި އެފްއޭއެމް ވެސް މި ވަގުތު ހިންގަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށެވެ.

ލަންކާގައި ތިބި ދިވެހީން ގެނައުމަށް މޯލްޑިވިއަން އިން މި ހަފުތާގައި ދެ ދަތުރެއް ކުރުމަށް ވަނީ ހަމަ ޖެހިފަ އެވެ. އެ ދެ ދަތުރުން 100 މީހުން ގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ. 

ކޮވިޑް-19 ބަލިމަޑުކަމުގެ ބިރު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖެ އިން ބޭރުގައި ތިބި ދިވެހީން ރާއްޖެ ގެނައުމުގައި، ޕަސެންޖަރުންނާއި ކުރޫއިންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފަ އެވެ. އަދި އެޗްޕީއޭގެ ގައިިޑްލައިނާ ޚިލާފަށް މޯލްޑިވިއަން އިން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު