ޚަބަރު
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަނބުރާ ޤައުމަށް ފޮނުވާލުމަށް މަޝްވަރާކޮށްފި
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ގެންދިއުމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭކޭ އަބްދުލް މޮމެންއާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.

ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައި ދެބޭފުޅުން ވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްޚީ އަދި އިޤްތިޞާދީ ހާލަތާއި ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެންއާއި ހިއްސާކުރައްވާފައެވެ. އެގޮތުން ކޯވިޑް-19 ފެތުރުމުގެ ކުރިން ވެސް ބިދޭސީން ޤާނޫނީ މިންގަނޑުތަކަށް ފެއްތުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ސަރުކާރުން ކުރިއަށްގެންދިޔަކަން މިނިސްޓަރ ފާހަގަކުރައްވިއެވެ. 

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތައި އެ ބިދޭސީން އަލުން ރަޖިސްޓްރީކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށައިފައެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ އެވެ. އަދި އޭގެ ތެރެއިން 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން 31،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަަނަށް ވަނީ ރަޖިސްޓްރީވެފައެވެ.

އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމުގައި އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ވަނީ އެދިވަޑައިގެންފައެވެ. ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އެކަމަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ. 

ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އިންތިހާއަށް ރާއްޖޭގައި ގިނަކަމަށް ބުނެ ގިނަ ރައްޔިތުން އަންނަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު