ޚަބަރު
ތޮއްޖެހިފައިވާ ތަންތަނުގައި އުޅޭ ބިދޭސީން ބަދަލުކުރަނީ
ކުދިކުދި ތަންކޮޅުތަކުގައި ތޮއްޖެހި ދިރިއުޅެމުންދާ ބިދޭސީން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސްސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. 

އެސެންޓަރުގެ ތަރިޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުންގެތެރެއިން އެމީހުންގެ ޤައުމަށް އެނބުރިދާން ބޭނުންވާމީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މާލޭގައި އެއްތަނެއްގައި އާދާޔާ ޚިލާފަށް ގިނަޢަދަދަކަށް ބިދޭސީން އުޅޭ ތަންތަނުން އެހެންތަންނަށް މީހުން ބަދަލުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރައްވަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތު ބަލި މުޖުތަމަޢަށް ފެތުރެމުންދާ ޙާލަތަކަށް ގޮސްފިނަމަ ބިދޭސީން އުޅޭތަންތަނަކީ އެންމެބޮޑު ނުރައްކަލަށް ހުށައެޅޭނެ ހިރާސްބޮޑު ތަންތަންކަމަށްވުމުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އެޅުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ އެވެ. އަދި އޭގެ ތެރެއިން 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން 31،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަަނަށް ވަނީ ރަޖިސްޓްރީވެފައެވެ.


މަބްރޫކް ވިދާޅުވީ ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެތެރެއިން ޤައުމަށް އެނބުރި ދިއުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ތިން ސަތޭކައަށްވުރެ ގިނަ މީހުން އެދިފައިވާކަމަށެވެ.

"މިގޮތަށް ފުރުސަތު ހުޅުވާލިނަމަވެސް އެކަމުގައި ގޮންޖެހުންތަކެއް އެބަހުރި. ބަންގްލަދޭޝްފަދަ ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމުން އެޤައުމުގައި ތިބި ދިވެހިންވެސް ގެނެވޭނެގޮތްތަކެއް ސަރުކާރުން މިދަނީ މިހާރުވެސް ހޯދަމުންދަމުން. އަދި މިވަގުތު ބަންގްލަދޭޝުންވެސް އެޤައުމުގެ ރައްޔިތުން ގެންދަންބޭނުންވަނީ ކިހާވަރަކަށްތޯ ބަލަންޖެހޭ" މަބްރޫކް ވިދާޅުވިއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައިއުޅޭ ބިދޭސީން އަނބުރާ ޤައުމަށް ގެންދިއުމާ ގުޅޭގޮތުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދުވަނީ މަޝްވަރާކުރައްވާފައެވެ.

ކޯވިޑް-19 ފެތުރުމުގެ ކުރިންވެސް ބިދޭސީން ޤާނޫނީ މިންގަނޑުތަކަށް ފެއްތުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ސަރުކާރުން ވަނި ކުރިއަށްގެންގޮސްފައެވެ. 

މާލޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރާ ގިނަ ބިދޭސީންތަކެއް އުޅެނީ ވަރަށް ކުދިކުދި ތަންތަނުގައި އަދި ވަރަށް ބޮޑަށް ތޮއްޖެހިފައިވާ މާހައުލެއްގަ އެވެ. އެހެންވެ، މާލެ އަށް ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ވައިރަހެއް ފެތުރިއްޖެ ނަމަ އެ ކޮންޓްރޯލް ކުރަން އެންމެ އުނދަގޫ ވާނެ ތަނަކީ ބިދޭސީން އުޅޭ ގެތައް ކަމަށް ކަމާ ބެހޭ އޮފިޝަލުން ވިދާޅުވެ އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުން ކަމަށް ވާއިރު، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރޭގައި ވެސް ގިނައީ އެ މީހުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު