ޚަބަރު
ދެ އަހަރުން ދަށުގެ ކުޑަކުދިން މާސްކް އެޅުވުން ރައްކާތެރިއެއް ނޫން: ޑރ. އަފްޒަލް
ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ ޑރ. އިބްރާޙިމް އަފްޒަލް
ޢުމުރުން ދެއަހަރުން ދަށުގެ ކުޑަކުދިން މާސްކް ނޭޅުވުމަށް ކޯވިޑް-19އާ ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ ޑރ.އިބްރާޙިމް އަފްޒަލް އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މާސްކު އެޅުނީމަ އެ ހިސާބުން އެ ނިމުނީއޭ ހީކޮށްގެން ނުވާނެ ކަމަށާއި އިތުރު ކަންކަމަށް ވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، ގައިދުރުކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އުމުރުން ދެ އަހަރުގެ ކުދިން މާސްކު އަޅުވައިގެން ނުވާނެ. އަމިއްލައަށް މާސްކު ނަގަން ނޭނގޭ ވަރުގެ ކުޑަކުދިންނަށް ނޫނީ އެފަދަ ހާލުގައިވާ މީހަކަށް ވެއްޖެއްޔާ މާސްކު އެޅުމެއް ނޫން އޮންނާނީ. އޭނާގެ ރައްކާތެރިކަމަކަށް އެހެން މީހުން މާސްކު އަޅަން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވަނީ މާސްކް އަޅަންޖެހޭގޮތް ތަފްސީލްކޮށް ވިދާޅުވެދެއްވާފައެވެ. މިގޮތުން ފޭސް މާސްކްތައް ހުންނަން ވާނީ ނޭފަތާއި އަނގަމަތި ރަނގަޅަށް ކަވަރުކޮށްފައިކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އަދި މާސްކްގައި މަދުވެގެން ދެ ލޭޔަރު ނުވަތަ ތިން ލޭޔަރު ހުންނަން ވާނެ ކަމަށާއި މާސްކް އަޅައިގެން ހުންނަ އިރު ފަސޭހައިން ނޭވާ ލެވެން ޖެހޭނެކަން ޑރ.އަފްޒަލް ވިފާހަގަކުރެއްވިއެވެ.

މިދަނަޑިވަޅުގައި އެކި ފަރާތްތަކުން ފޮތި މާސްކްތައްވެސް ބޭނުންކުރަމުންދާއިރު މާސްކް ހަދައިފައި ހުންނަ ފޮއްޗަކީ އެކަށީގެންވާ ފޮއްޗަކަށް ވާން ޖެހޭނެކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. އަދި ޑިޓާޖެންޓް ބޭނުން ކޮށްގެން ރަނގަޅަށް މާސްކް ދޮންނަން ވާނެކަމަށާއި މާސްކް ނައްޓާއިރު ލޮލުގައި އަތް ނުލުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި މާސް އެޅިކަމުގައި ވީނަމަވެސް ގިނަގިނައިން އަތްދޮވުމައި ގައި ދުރުކަން ބެހެއްޓުމަސް ޑރ. އިބްރާހިމް އަފްޒަލް ވަނީ އިލްތިމާސްކުރައްވާފައެވެ. ކޯވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ މާސްކް އެޅުމަކީ މުހިއްމު ކަމެއް ނޫންކަން ޑޮކްތަރުން ފާހަގަކުރިނަމަވެސް މާލޭއިން މި ބަލި ފެނި ކޮމިއުނިޓީ ސްޕްރެޑަށް ދިޔުމާ ގުޅިގެން ވަނީ މާސްކް އެޅުމަސް އިލްތިމާސްކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ޒަރޫރީ ބޭނުންތަކަސް ބޭރަށް ނުކުންނައިރުވެސް މާސްކް އެޅުމަށް ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ. 

ކޮވިޑްގެ ބަލި މީހުން ފެނަން މިންވަރު މަދުވަމުންދާތީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން މަސް ދުވަހަށް ފަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ މިއަދު ބައެއް ރަށްތަކަށް ވަނީ ދީފަ އެވެ.

މީގެ އިތުރުން މާލޭގެ ލޮކްޑައުންގެ ހާލަތު މިމަހުގެ 28 ގެ ފަހުން ނިމުމަކަށް ގެންނާނެ ކަމުގެ އިޝާރާތެއް ވެސް ހެލްތު މިނިސްޓަރު ވަނީ ދެއްވާފަ އެވެ. ނަމަވެސް ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަންޖެހިދާނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ. 

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1438 އަށް އަރާފައެވެ. 232 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 11 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ފަސް މީހަކު ވަނީ މަރުވެފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީ އެކެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު