ޚަބަރު
ކުރާ މަސައްކަތް ދައްކަން މީގެ ފަހުން ފޮޓޯ ނަގައި އާއްމު ކުރާނަން: މިނިސްޓަރ ނަހުލާ
ފޮޓޯ: ވަން
ވަޒީރެއްގެ ޒިންމާ އަދާކުރުމުގައި ބުރަކޮށް މަސައްކަތްކުރައްވާ ކަމަށާއި އަދި ކުރާ މަަސައްކަތް ދައްކަން މީގެ ފަހުން ފޮޓޯ ނަންގަވާ ފެންނާނެ ގޮތަކަށް އާއްމު ކުރައްވާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ. 

ކޮވިޑް-19 ގެ ހާލަތުގައި މަސައްކަތްތައް ރޭވިފައިވާ ގޮތާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ރޭ ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި ކައުންސިލްތަކުގެ މެމްބަރުން އެކި ކަންކަމުގައި ނަހުލާއާ ބައްދަލުކުރައްވަން އެދިވަޑައިގެންނެވި ނަމަވެސް ބައްދަލުނުކުރައްވާ ކަަމުގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ވަގުތު އޮންނަ ވަރަކުން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. ބައްދަލު ނުކުރައްވާ ކަމަށް ފެންނަނީ ފޮޓޯ ނަގައި އާއްމު ނުކުރައްވާތީ ކަމަށާއި އެކަން މީގެ ފަހުން އެގޮތަށް ކުރައްވާނެ ކަމަށެވެ. 

"އެޕޮއިންޓްމަންޓް ހުންނަ ގޮތުން އެ ބޭފުޅުން އެދިވަޑައިގަންނަވާ ދުވަހު ބައްދަލުނުވެ ހުރެދާނެ. އެކަމަކު ވެސް ހަމަ ފަހުން ވަގުތު ދީގެން އަޅުގަނޑަށް ވީ ވަރަކުން ހުރިހާ ބޭފުޅުންނާ ވެސްް ބައްދަލުކޮށްފައި ވާނީ. އަޅުގަނޑަށް ހުރިހާ މީޓިންތަކުގެ ފޮޓޯ ނުނެގުނީމާ ވީގޮތް ކަންނޭނގޭމީ. ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ހަމަ އަޕްޑޭޓް ވެސް ކުރަމުންދާނަން،" ނަހުލާ ވިދާޅުވި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީއަކީ މެންޑޭޓް ބޮޑު މަސައްކަތް ބުރަ މިނިސްޓްރީއެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ސަރުކާރު ބަންދުކޮށް އޮފީސްތަކަށް ދާން ނުޖެހުނު ނަމަވެސް ގޭގައި ތިބެގެން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއްވާ ކަމަށެވެ. އެގޮތުން ސިވިލްއޭވިއޭޝަންގެ މަސައްކަތް އެކަމަނާ ފާހަގަ ކުރެއްވިއެވެ. ވިދާޅުވީ ދުވާލުގެ ގިނަ ވަގުތު އޮފީހުގެ މަސައްކަތްތަކުގައި ހޭދަކުރުމަށްފަހު ރޭގަނޑުގެ ގިނަ ވަގުތު ހޭދަވަނީ ސިވިލްއޭވިއޭޝަންގެ ދާއިރާގެ މަސައްކަތްތަކުގައި ކަމަށެވެ.

ގިނަ ރޭރޭ ފަތިސްވަންދެން މަސައްކަތް ކުރަންޖެހޭ ކަމަށާ އަދި ހެނދުނު ހަތެއް ޖެހުމާއެކު އަލުން މަސައްކަތަށް އެނބުރި އަންނަ ކަމަށެވެ. އެހެން ކަމުން ގޭގައި ތިބި ނަމަވެސް އެ މިނިސްޓްރީގެ މަސައްކަތް ލުއި ނޫން ކަމަށް ވިދާޅުވިއެވެ.

"ސިވިލްއޭވިއޭޝަންއަކީ 24 ގަޑިއިރުހެން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ ތަނެއް. އެގޮތުން އޮފީހަށް ނާދެވުނު ނަމަވެސް ގޭގައި ތިބެގެން 24 ގަޑިއިރުހެން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ގިނަ ރޭރޭ އަޅުގަނޑުމެންނަށް ހުންނާނީ ތިނެއްޖަހާއިރު ފަތިހު ހަތަރެއް ނޫނީ ފަހެއް ޖަހާއިރުވެސް މަސައްކަތް ކުރެވިފައި. އަނެއްކާ ހެނދުނު ހަތެއް ޖަހާއިރު މަސައްކަތް ފެށޭނެ." ނަހުލާ ވިދާޅުވިއެވެ. 

ކޮވިޑް-19 އާ އެކު މިނިސްޓަރ ގެއްލިއްޖެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ވަގުތެއްގައި ނަހުލާ ވިދާޅުވީ، ކޮވިޑް19އާ ދެކޮޅަށް އިސްސަފުގައި މަސައްކަތް ކުރުމަށް ރައީސް އޮފީހުން ނެގި ޓާސްކްފޯސްގައި އޭނާ ހިމެނިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ ޓާސްކްފޯސްގައި ހިމެނޭ އެހެން މިނިސްޓަރުންނާ ގުޅިގެން ކުރަން ޖެހޭ ކަންކަން ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ޓާސްކްފޯސްގައި ފުރޮންޓްލައިންގައި ތިބީ ވުޒާރާތަކުގެ ހުރިހާ ވަޒީރުންނެއް ނޫން. ޓާސްކްފޯސްގައި އެކުލެވެފައިވަނީ ރައިސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއެކު. އޭގެ މާނައަކީ ފުރޮންޓަށް މަސައްކަތް ކުރަން ނުކުމެފައި ތިއްބަވާނީ އެބޭފުޅުން. އެހެން ނަމަވެސް ދެން ތިބި ވަޒީރުންވެސް މަސައްކަތް ކުރަމުންދިޔައީ،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު