ޚަބަރު
ބޭހަށް ބޭރަށްދާން ރައީސް ޔާމީން ބޭނުންފުޅެއް ނޫން: އިމްރާން
ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅާއި ގުޅިގެން ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އަދި ބޭނުންފުޅުނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ރައީސް ޔަމީންގެ ބަލި ހާލަތު ރަނގަޅު ނޫން ކަމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް، ޕީއެންސީއިން ދަނީ ބުނަމުންނެވެ. މިރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުކުރުމަށް ޖަލަށް ވަޑައިގަތީ، އެމަނިކުފާނުގެ ބޭސްފަރުވާއާ ގުޅިގެން ޑޮކްޓަރު ދީފައި އޮތް ލިޔުމަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ. ޖަލަށް ވަޑައިގަތީ ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރާއްޖޭން ބޭރަށް ބޭސްފަރުވާ ކުރަން ދިއުމަށް ރައީސް ޔާމީނަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"އެހެންނަމަވެސް މިވަގުތު ރައީސް ޔާމީން ބޭނުންފުޅުވެވަޑައެއް ނުގަންނަވާ ބޭރަށް ބޭސްފަރުވާކުރަން ވަޑައިގަންނަވާކަށް. އަޅުގަނޑުމެން ދޭތެރެއަކުން އެބަ އެވާހަކަ ދައްކަން. ރައީސް ޔާމީނާއި ރައީސް ޔާމީންގެ އާއިލާއިން ބޭސްފަރުވާކުރަން ވަޑައިގަންނަވަން ވީމަ އެކަމަށްޓަކައި ފަހިކޮށްދޭން ޖެހޭ ހުރިހާ ފުރުސަތުތަކެއް އަޅުގަނޑުމެން ފަހިކޮށްދޭނަން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ. 

އިމްރާން ވިދާޅުވީ ޖަލުގައި ރައީސް ޔާމީނަށް ގިނަ އިންތިޒާމްތަކެއް ހަމަޖައްސައިދީ ފަސޭހަ ކޮށްދީފައިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ބޭފުޅުން ޖަލުގައި ތިއްބެވިއިރު ކަންކަން އިންތިޒާމްވެފައިވާ ގޮތާއި މިހާރާ އެތައް ގުނައެއް ރަނގަޅުވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ ގާނޫނުގެ ތެރެއިން ކޮށްދެވެން ހުރި ހުރިހާކަމެއް ރައީސް ޔާމީނަށް ކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. އަދި އިތުރަށްވެސް ރަނގަޅުކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށާ ކޮންމެ ދުވަހަކު ސީޕީ މެދުވެރިކޮށް އެ މައުލޫމާތު ހޯއްދަަވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގާނޫނުގެ ދަށުން ކުރެވެން ނެތް ކަންކަން ނުވަތަ ލިބިފައިނުވާ އިހްތިޔާރުތައް ބޭނުންކޮށްގެން އެއްވެސް ކަމެއް ނުކުރެވޭނެ." 


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު