ޚަބަރު
ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިއްޖެ، ކަންކަން ކުރެވޭނީ އެމްޑީޕީއަށް: ރައީސް ނަޝީދު
މިހާރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ކަންކަން ކުރެވޭނީ ޕާޓީއަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 15 ވަަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ހުރިހާ ވާދަވެރިން ރޫޅިއްޖެ ކަމަށެވެ. އެމަނިކުފާނު އިޝާރާތް ކުރައްވާފައި އެ ވަނީ އެމްޑީޕީއާއެކު އުފެއްދި އެންމެ ވާދަވެރި ޑީއާރްޕީ ސިޔާސީ މައިދާނުން ގެއްލުމާއި، ފަހުން ރައީސް މައުމޫން އުފެއްދެވި ޕީޕީއެމްއާ ވެސް އެމަނިކުފާނު ފެއަށް ޖެހިވަޑައިގަތުމަށް ކަމަށް ބެލެވެ އެވެ. 

އެމްޑީޕީއަށް މަރުހަބާ ދަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ އެހެން ވާދަވެރި ސިޔާސީ ޕާޓީތައް ރޫޅިފައިވާ ކަަމަށެވެ.

"މާތްﷲގެ އިރާދަފުޅުން ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް. އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް،" ނަޝީދު ވިދާޅުވި އެވެ.

މި ވާހަކަތައް ފުރަތަމަ ޓްވީޓް ކުރެއްވީ އެމްޑީޕީގެ މަގުމަތީގެ ހަރަކާތެއްގައި ޕާޓީގެ ބައެއް ބޭފުޅުންނާއެކު ހުންވާ ފޮޓޯއަކާއެކު އެވެ. ނަމަވެސް އެ ޓްވީޓް ޑިލިޓް ކުރެއްވުމަށް ފަހު އަލުން ޓްވީޓް ކުރެއްވީ ކުޑަ ދެ ކުދިންނާއެކު ރާޅުފެންކުރީގައި ކުޅުއްވަން އިންނަވާ މަންޒަރު ފެންނަ ފޮޓޯއަކާއެކު އެވެ. ދެވަނަ ޓްވީޓްގެ ވެސް އިބާރާތަކަށް ބަދަލެއް ގެންނަވާފައެއް ނުވެއެވެ. 

އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ މެންބަރުންނަށް، އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ފޮނުއްވާފަ އެވެ. 

ދުވަހާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ ހިތްވަރާއި، އަޒުމާއި، ކާމިޔާބީއާއި، އުންމީދު އެކުލެވިގެންވާ ދެވަނަ ސިޔާސީ ހަރަކާތެއް ރާއްޖޭގައި ނެތް ކަމަށެވެ.

އަދި އެ ޕާޓީ އަބަދުވެސް ދެމިއޮންނާނީ ރާއްޖެއަށާއި ދިވެހިންނަށް ހެޔޮވެރިކަން ކޮށްދިނުމަށާއި، އިސްލާމީ އުސޫލުތަކާއި، ޑިމޮކްރެސީއާއި، އިންސާފާއި ހަމަހަމަކަން ނެގެހެއްޓުމަށް ސާބިތުކަމާއެކުގައި ކަމަށެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. މި ޕާޓީ އުފައްދައި ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވަނީ 26 ޖޫން 2005 ގަައި ސްރީލަންކާގައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު