ޚަބަރު
ފަސް މިލިއަން ޑޮލަރު ލިބުނު: ރައީސް ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމިނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަންޑޮލަރަކީ ގއ.ބޮޑުމުލާ ކުއްޔަށް ދީގެން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފައިސާ ކަމަށް ދައުލަތުން ބުނި ނަމަވެސް އެ ރަށުގެ ވާހަކަ ފުރަތަމަ ފަހަރަށް އިވިވަޑައިގެންނެވީ ވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ހައިކޯޓުގައި އޮތް އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ގޮތުން އެމަނިކުފާނަށް ލިބިވަޑައިގަތް ފަސް މިލިއަން ޑޮލަރު ބަލައި ވަޑައިގަތީ އަދީބާއި ޝައިނީ ކަމަށެވެ. ނަމަވެސް އެ ފައިސާ ބަލައި ވަޑައިގަތީ ކޮންތަނަކަށް ކަމެއް އަދި އެއީ ކާކު ކީއްވެ ދިން ފައިސާއެއް ކަމެއް ހާމަކޮށްފަ އެއް ނުވެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތެވެ. ނަމަވެސް ފަހުން އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާ ކުރައްވައި، އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޖަމާކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ އެ މަނިކުފާނުގެ ފައިސާ ކަމަށް ކްރިމިނަލް ކޯޓުގައި ވެސް ޔާމީން ތަކުރާރުކޮށް ވިދާޅުވެފައި ވެ އެވެ. ނަމަވެސް އެ ފައިސާއާ މެދު ޝައްކު އުފެދޭތީ އެ ހަވާލުކުރަން އޭސީސީން އެންގިކަން ސާބިތުވާ ކަމަށާއި އެގޮތަށް އެންގުމުން ޔާމީން އެހެން ފައިސާތަކެއް އޭސީސީއާ ހަވާލުކުރިކަން ސާބިތުވާތީ އެއީ މަނީ ލޯންޑަރިން މަނާކުރާ ގާނޫނުގައި ބުނާ ގޮތުން މަނީ ލޯންޑަރިން އަށް ވާނެކަން ދައުލަތުން ވެސް ތަކުރާރުކޮށް ބުނެފައިވެ އެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ ފަސް މިލިއަން ޑޮލަރު، ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ހަމައަށް ވެސް ހުރީ ކުރީގެ ނައިބު ރައީސް އަދީބުގެ އަތުގަ އެވެ. މީގެއިތުރުން ވެސް މިއަދުގެ ޝަރީއަތުގައި ރައީސް ޔާމީން ގިނަ ވާހަކަތަކެއް ދެއްކެވި އެވެ.

މިއަދު ހައިކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހަކީ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް، އެމަނިކުފާނު އިސްތިއުނާފު ކުރުމުން ކުރިއަށް ގެންދާ ޝަރީއަތުގެ ފަހު ބަސް އިއްވުމަށް ބޭއްވި އަޑުއެހުމެވެ. މި މައްސަލައަކީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާވި އެއް މިލިއަން ޑޮލަރު، އޭސީސީގެ އެކްސްކުރޯ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެ ސޭވިން އެކައުންޓަކަށް ޖަމާކޮށް އޭގެ މަންފާ ހޯދި މައްސަލައެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އެވެ.

އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެއީ އެ ފައިސާ ނޫންކަން ބަޔާންކޮށް ދެއްވުމަށް މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނާ ވޮޑުމުލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެއީ އޮންނަ ރަށެއްކަން ވެސް އެނގިވަޑައިގެންނެވީ ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ވިދާޅުވި އެވެ. އަދި، އެމަނިކުފާނާ ވޮޑުމުލާއާ ދައުލަތުން ގުޅުވަނީ އެއްވެސް އަސާސެއް އޮވެގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މި މައްސަލަ ބެލި ފުލުހުންނަށް އެނގޭނެ ވޮޑުމުލާ ލިބިފައި އޮތީ ކޮން ބަޔަކަށްކަން، އެ ރަށަށް ބޭރުގެ ބަޔަކަށް ދިނުމުގައި އުޅުނީ އަދީބުގެ ގާތް އެކުވެރިން، އެ ރަށް ލިބުނީ އަދީބުގެ ވަރަށް ގާތް ދެ އެކުވެރިންނަށް،" ރައީސް ޔާމީން ވިދާޅުވި އެވެ. 

ސިޔާސީ ގޮތުން ރައީސް ޔާމީނަށް ފަަސް މިލިއަން ޑޮލަރު ލިބިވަޑައިގަތް ކަމަށް ފުރަތަމަ ފަހަރަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު، މީގެ ކުރިން ވެސް އެކަމުގެ ތުހުމަތުތަކެއް އެމަނިކުފާނުގެ މައްޗަށް ވަނީ ކޮށްފަ އެވެ. އަދި އެ ފައިސާއަކީ ސައުދީއަރަބިއްޔާއިން އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާ ކަމަށް ވެސް އޭރު ވަނީ ތުހުމަތު ކޮށްފަ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ދައުލަތުން ކްރިމިނަލް ކޯޓުގައި މިހާރު ވަނީ އުފުލައިފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު