ޚަބަރު
ނައީމާގެ މަރުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ-- ފޮޓޯ/ ކިޔުންތެރިއެއް
ނ.މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރުކޮށްފިއެވެ.

އެ މަރުގެ ތަހުގީގަށް މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް މިއަދު ކުރެއްވި ޓުވީޓެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ މަރުގެ ތުހުމަތުގައި ދެ މީހަކު މިހާރު ފުލުހުންގެ ބެލުމުގައި ދަށުގައި އެބަތިބި ކަމަށެވެ.

"މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި. މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބަދޭ," ހަމީދު ހާމަކުރައްވާފައިވެ އެވެ.
އެގޮތުން, މިއީ ފުލުހުންގެ ހާއްސަ ޓީމަކުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ,

"މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރަން.," އޭނާ ވިދާޅުވި އެވެ.

ނައީމާގެ މަރަށް 50 ދުވަސް މާދަމާ ފުރޭއިރު މިއީ އެ މައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.

މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި, އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ.

ބޮޑުވެފައި ތިބި ތިން ކުދިންގެ މަންމަ -- ނައީމާ އަކީ މުޅިން ވަކިން ވަކި ގެއެއްގައި ދިރިއުޅެމުން ދިޔަ މީހެކެވެ. އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ.

ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އެވެ.




ކިޔުންތެރިންގެ ޝުއޫރު
67%
22%
0%
11%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު