ކުޅިވަރު
ފެނާންޑޭސް އާ ސީޒަން ފެށީ ހެޓްރިކަކުން
ލަނޑު ޖެހުމަށް ފަހު ފެނާންޑޭސް (ވ) އާއި ޕޮގްބާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާ އެކު 5-1 އިން ލީޑްސް ޔުނައިޓެޑް އަތުން މޮޅުވެއްޖެ އެވެ. 

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ޔުނައިޓެޑުންނެވެ. ޔުނައިޓެޑަށް ފުރަތަމަ ލަނޑުވެސް ޖަހައިދިނީ މެޗުގައި ހެޓްރިކެއް ހެދި ޕޯޗުގަލްގެ ބުރޫނޯ ފެނާންޑޭސްއެވެ. އޭގެ ފަހުން ލީޑްސްއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް އެ ޓީމަށް ހިފަހައްޓައިލެވުނީ ކުޑަ ވަގުތުކޮޅަކުއެވެ. ޔުނައިޓެޑުންވަނީ އިތުރު ހަތަރު ލަނޑު ޖަހައި މެޗުގެ ނަތީޖާ ފަސް ލަނޑު އެއް ލަނޑަށް ހަދައިފައެވެ. ބްރޫނޯ ތިން ލަނޑު ޖެހިއިރު އަނެއް ދެ ލަނޑު ޖެހީ ގްރީން ވުޑްސް އަދި ފްރެޑްއެވެ. 

ބްރޫނޯގެ ހެޓްރިކާއެކު އޭނާ ވެގެން ގޮސްފައިވަނީ 78-1977 ވަނަ ސީޒަނަށްފަހު ލީގުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކް ހެދި އެޓީމުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މެޗަށް ފަހު ފެނާންޑޭސް ބުނީ ސަޕޯޓަރުން ފުރިފައި އޮތް ދަނޑެއްގައި ކުޅެލަން ލިބުނު މި ފަދަ މެޗެއްގައި ހެޓްރިކެއް ހެދުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެންމެ ބޮޑު އުފަލަކީ ޓީމު މޮޅުކޮށްދެވުން ކަމަށެވެ. ފެނާންޑޭސް ވަނީ އެ ޓީމުގެ ޕޮގްބާ ދެއްކި ކުޅުމަށް ތައުރީފުކޮށްފަ އެވެ.

މި މެޗުގައި ޔުނައިޓެޑުން މި ސީޒަނުގައި އަލަށް ގުޅުނު ސަންޗޯ ވަނީ ކުޅެން އަރުވާފައެވެ. އަދި ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ދައްކާލާފައެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާއެވެ. ލީޑްސް ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.

ޕްރިމިއާ ލީގު މެޗްޑޭ 1 ތާވަލް

  • ބްރެންޓްފަޑް - އާސެނަލް / ހޮނިހިރު، 00:00
  • މެންޗެސްޓާ ޔުނައިޓެޑް - ލީޑްސް ޔުނައިޓެޑް / ހޮނިހިރު، 16:30
  • ލެއިސްޓާ ސިޓީ - ވޮލްސް / ހޮނިހިރު، 19:00
  • ޗެލްސީ - ކްރިސްޓަލް ޕެލެސް / ހޮނިހިރު، 19:00
  • ވަޓްފާޑް - އެސްޓަންވިލާ / ހޮނިހިރު، 19:00
  • އެވަޓަން - ސައުތަމްޓަން / ހޮނިހިރު، 19:00
  • ބާންލޭ - ބްރެއިޓަން / ހޮނިހިރު، 19:00
  • ނޯވިޗް ސިިޓީ - ލިވަޕޫލް / ހޮނިހިރު، 21:30
  • ނިއުކާސަލް - ވެސްޓްހަމް / އާދީއްތަ، 18:00
  • ޓޮޓެންހަމް - މެންޗެސްޓާ ސިޓީ / އާދީއްތަ، 20:30

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު